ޑިޒްނީ+ އިން ފިލްމްތައް ގެއްލެނީ!

ވޯލްޓް ޑިޒްނީގެ ވީޑިއޯ އޮން-ޑިމާންޑް ސްޓްރީމިން ހިދުމަތް، ޑިޒްނީ+ ލޯންޗްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޑިޒްނީ+ ލޯންޗްކުރީ ބައެއް ފިލްމްތަކާވެސް އެކުގައެވެ. އޭގެ ތެރޭގައި 1990 ވަނަ އަހަރު ރިލީޒްކުރި މަޝްހޫރު ފިލްމް "ހޯމް އެލޯން" އާއި 1992 ވަނަ އަހަރު ރިލީޒްކުރި "ހޯމް އެލޯން 2: ލޮސްޓް އިން ނިއުޔޯކް" ހިމެނެއެވެ. ނަމަވެސް މި އަހަރު ފެށުމާއެކު، އެ ދެ ފިލްމްވެސް މި ވަނީ ޑިޒްނީ+ އިން ނަގާފައެވެ.

ސްޓްރީމިން ހިދުމަތް، ޑިޒްނީ+ ހިދުމަތް ފަށަން ތައްޔާރުވަމުން ދިޔައިރު ޑިޒްނީ އިން ބުނީ ސްޓްރީމިން އެހެން ހިދުމަތްތަކާއި ޑިޒްނީ+ ތަފާތު ވާނެ ކަމަށެވެ. އެގޮތުން މަހަކު އެއްފަހަރު ލައިސަންސް ހޯދަންޖެހޭ ފިލްމް ނުހުންނާނެ ކަމަށްވެސް ޑިޒްނީ އިން ބުންޏެވެ.

ނަމަވެސް ކަންތައް ވެގެން މި ދިޔައީ އެހެންނެއް ނޫނެވެ. ޑިޒްނީ+ ފެށިއިރު ހުރި ބައެއް ފިލްމްތައް މިވަނީ ދެ މަސް ދުވަސް ނުވަނީސް ނަގާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑިޒްނީ+ އިން ފިލްމްތަކެއް ނަގާފައިވަނީ، ފިލްމްގެ ލައިސަންސް އެއްބަސްވުމުގެ މައްސަލަތަކެއްގެ ސަބަބުންނެވެ.

ފިލްމްތަކުގެ ލައިސަންސްގެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ޑިޒްނީ އިން ކުރަމުންދާއިރު، އެކަންކަން ހަމަޖެހި އަލުން ފިލްމްތައް ޑިޒްނީ+ އަށް ދާއިމީކޮށް އަންނާނެއެވެ.