ނޯ ޓައިމް ޓު ޑައި ގެ މަންޒަރެއް

"ނޯ ޓައިމް ޓު ޑައި" ގެ ޓްރެއިލާ ދައްކާލައިފި

ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމް "ނޯ ޓައިމް ޓު ޑައި" އިއުލާނުކުރުމާއެކު، އެ ސީރީޒްގެ ފިލްމްތަކަށް ލޯބިކުރާ މީހުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

ޑެނިއަލް ކްރެއިގް އާއި ރަމީ މާލިކް ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގެ ޓްރެއިލާ ދައްކާލާފައިވާއިރު، ފަސް މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް ޓްރެއިލާ ބަލާފައިވެއެވެ.

ޖޭމްސް ބޮންޑް ސީރީޒްގެ ކުރީގެ ފިލްމްތަކެކޭ އެއްފަދައިން، މި ފިލްމްގެ ޓްރެއިލާއިންވެސް ފެނިގެންދަނީ ބޮން ގޮއްވާލާ މަންޒަރުތަކާއި ހަތިޔާރު ހަރުކޮށްފައިވާ ކާރުގެ މަންޒަރުތަކެވެ. ބަޑިޖަހާ މަންޒަރުތަކާއި އެކްޝަންގެ ވަރުގަދަ މަންޒަރުތަކެއް މި ފިލްމްގެ ޓްރެއިލާއިން ފެނިގެންދެއެވެ.

މިއީ އެކްޓަރު ޑެނިއަލް، ބޮންޑްގެ ރޯލުން ފެނިގެންދާނެ އެންމެ ފަހު ފިލްމެވެ. ރަމީ ފެނިގެންދާނީ ވިލަންގެ ރޯލުންނެވެ.

ގާތްގަނޑަކަށް 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމެވެ. މި ފިލްމް ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ ތެރޭގައެވެ.