"އޭންޓް-މޭން" ގެ ތިންވަނަ ފިލްމަށްވެސް އެކްޓަރު މައިކަލް

މާވެލް ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމް ސީރީޒް "އޭންޓް-މޭން" ގެ ތިންވަނަ ފިލްމުންވެސް އެކްޓަރު މައިކަލް ޑަގްލަސް ފެނިގެންދާނެ ކަން އޭނާ ކަށަވަރުކޮށްދީފިއެވެ. ތިންވަނަ ފިލްމްގައިވެސް އެކްޓަރު މައިކަލް ފެނިގެންދާނީ ޑރ. ހޭންކްގެ ރޯލުންނެވެ.

"އޭންޓް-މޭން" ގެ ތިންވަނަ ފިލްމްވެސް ޑައިރެކްޓްކުރާނީ، މި ފިލްމް ސީރީޒްގެ ކުރީގެ ދެ ފިލްމްވެސް ޑައިރެކްޓްކުރި ޕޭޓަން ރީޑްއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތް ފަށާނީ 2021 ވަނަ އަހަރުގެ ޖެނުއަރީ ގައެވެ. އަދި ފިލްމް ރިލީޒްކުރާނީ 2022 ވަނަ އަހަރުއެވެ.

ތިންވަނަ ފިލްމާއި ބެހޭ މާގިނަ ތަފުސީލެއް، ފިލްމް ޕްރޮޑިއުސްކުރާ ފަރާތުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ކުރީގެ ދެ ފިލްމުން ފެނިގެންދިޔަ އެކްޓަރު ޕޯލް ރަޑް އާއި އެކްޓްރެސް އެވާންޖެލީން ލިލީ، ތިންވަނަ ފިލްމުންވެސް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

"އޭންޓް-މޭން" ގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 519 މިލިއަން ޑޮލަރު ލިބުނެވެ. ދެވަނަ ފިލްމް "އޭންޓް-މޭން އެންޑް ދަ ވަސްޕް" ރިލީޒްކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 622 މިލިއަން ޑޮލަރު ލިބުނެވެ.