ފިލްމް "ޑްރީމް ގާލް" ގެ މަންޒަރެއް

"ޑްރީމް ގާލް" އަށް 44 ކްރޯޑް ރުޕީސް

އެކްޓަރު އަޔޫޝްމަން ކުރާނާ ލީޑް ރޯލު ކުޅެފައިވާ ފިލްމް، "ޑްރީމް ގާލް" އަށް ތިން ދުވަހުގެ ތެރޭގައި 44.5 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމާއި ގުޅޭ ގޮތުން، އިންޑިއާގެ ފިލްމް ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އާދާޝް ބުނީ، "ޑްރީމް ގާލް" ބޮކްސް އޮފީހުގައި ކާމިޔާބު ހޯދަމުންދާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ސުޕަ-ހިޓް ފިލްމް "ރާޒީ" އާއި ބްލޮކްބަސްޓާ ފިލްމް "ސްޓްރީ" އަށް ފުރަތަމަ ތިން ދުވަހު ލިބުނު އާމްދަނީއަށްވުރެ "ޑްރީމް ގާލް" އަށް ފުރަތަމަ ތިން ދުވަހުން ލިބުނު އާމްދަނީ އިތުރު ކަމަށް ތަރަން އާދާޝް ބުންޏެވެ.

ރާޖް ޝާންޑަލިޔާ ލިޔެ ޑައިރެކްޓްކޮށްފައިވާ، ހެއްވާ މަޖާ މި ފިލްމްގައި އަޔޫޝްމަން ފެންނާނީ އަންހެން އަޑުން ވާހަކަ ދައްކައިގެން ފިރިހެނުން ހައްދާ މީހެއްގެ ރޯލުންނެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ނުޝްރަތު ބަޗޫރާ، އައްނޫ ކަޕޫރު، މަންޖޯތު ސިންގް، ވިޖޭ ރާޒް އަދި ރާޖޭޝް ޝަރުމާ ހިމެނެއެވެ.