"ކްރިޝް 4" ގައި ރިތިކް ތަފާތު 4 ރޯލަކުން!

ފިލްމް "ކްރިޝް 4" ގައި، އެކްޓަރު ރިތިކް ރޯޝަން ހަތަރު ކެރެކްޓާއެއްގެ ރޯލުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން، މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ރިތިކް ފެނިގެންދާނީ ތަފާތު ހަތަރު ރޯލަކުންނެވެ. މި ފްރެންޗައިޒްގެ ފިލްމްތަކުގައި ރިތިކް މީގެ ކުރިންވެސް ވަނީ ގިނަ ކެރެކްޓާތަކެއްގެ ރޯލު ކުޅެފައެވެ. އެގޮތުން ސުޕަހީރޯގެ ގޮތުގައި ފެނިގެންދާ ކްރިޝްގެ ކެރެކްޓާ އާއި އާންމު ދިރިއުޅުމުގައި ކްރިޝްނާ މެހެރާގެ ކެރެކްޓާ ހިމެނެއެވެ. އަދި ކްރިޝްގެ ބައްޕަގެ ރޯލު ކަމަށްވާ ރޯހިތު މެހެރާގެ ކެރެކްޓާވެސް ކުޅުނީ ރިތިކް ރޯޝަނެވެ.

ރޯހިތު މެހެރާގެ ކެރެކްޓާ އާއި "ކްރިޝް" ފިލްމް ފްރެންޗައިޒްގެ ފިލްމެއް ކަމަށްވާ "ކޮއި މިލްގަޔާ" ގައި ފެނިގެންދިޔަ އޭލިއަން "ޖާދޫ" ވެސް ފިލްމް "ކްރިޝް 4" އިން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފިލްމް އުފައްދާ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

މި ފިލްމް ޑައިރެކްޓްކުރާނީ ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަންއެވެ. 2003 ވަނަ އަހަރު ރިލިޒްކުރި "ކޮއި މިލްގަޔާ" އާއި 2006 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ކްރިޝް" އަދި 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ކްރިޝް 3" ވެސް ޑައިރެކްޓްކުރީ ރާކޭޝް ރޯޝަންއެވެ.

ރާކޭޝް ބުނި ގޮތުގައި މިހާރުވެސް ކުރިއަށް ދަނީ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތެވެ. އަދި ފިލްމްގެ ބައެއް މަންޒަރުތައް އިންޑިއާ ނޫން އެހެން ގައުމެއްގައި ނެގުމަށް ރާވަމުންދާ ކަމަށް ރާކޭޝް ވަނީ ބުނެފައެވެ.