ޝްރައްދާ އާއި ރޯހަން ޝްރެސްތާ

ޝްރައްދާއާ ކައިވެނިކުރަން ނޫޅެން: ރޯހަން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރާއި ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މަޝްހޫރު ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ ދޮގުކޮށްފިއެވެ.

މަސްދަރަކާއި ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ރޯހަން އާއި ޝްރައްދާ މިހާރު އެކުގައި ހޭދަ ކުރާ ވަގުތު ވަނީ އިތުރުވެފައެވެ. އަދި އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިހުތިރާމު ކުރެއެވެ.

ޝްރައްދާ އާއި ކައިވެނިކުރަން އުޅޭކަން ދޮގުކޮށް ރޯހަން ބުނީ ޝްރައްދާ އަކީ ގާތް ރައްޓެއްސެއް ކަމަށެވެ. ޝްރައްދާ އާއި ދިމާވީ ޕާޓީއަކުން ކަމަށާއި އެ ޕާޓީން އުފެދުނު ރަހުމަތްތެރިކަމަށް ނުވަ އަހަރުވެފައިވާ ކަމަށް ރޯހަން ބުންޏެވެ.

ކެއުންތަކުންނާއި ޕާޓީތަކުން ރޯހަން އާއި ޝްރައްދާ އެކުގައި ދަނީ ފެންނަމުންނެވެ. އޭގެ އިތުރުން ޝްރައްދާ މިއަހަރު ތުރުކީއަށް ފޮޓޯ ޝޫޓަކަސް ދިޔައިރު، ފޮޓޯގްރާފަރެއްގެ ގޮތުގައި ދިޔައީ ރޯހަންނެވެ.

ޝްރައްދާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑު ފެތުރެމުން ދަނިކޮށް، އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރު ވަނީ ޝްރައްދާ ކައިވެނި ކުރަން އުޅޭކަން ނޭނގޭ ކަމަށް ބުނެފައެވެ.