ގުލީ ބޯއީގެ މަންޒަރެއް

އޮސްކާގައި އިންޑިއާ ތަމްސީލުކުރާނީ "ގުލީ ބޯއީ"

މި ފަހަރު އޮސްކާގައި އިންޑިއާ ތަމުސީލުކުރާނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމް "ގުލީ ބޯއީ" އެވެ. އިންޑިއާގެ ފިލްމް ފެޑްރޭޝަން އިދާރާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި މިއަހަރު ރިލީޒްކުރި އިންޑިއާގެ 27 ފިލްމްގެ ތެރެއިން، 92 ވަނަ އޮސްކާގައި ވާދަކުރާ ފިލްމަކަށް "ގުލީ ބޯއީ" މިހާރު ވަނީ ކަނޑައެޅިފައެވެ.

ރަންވީރް ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރިލީޒްކުރި ފިލްމެކެވެ. މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި ވިޖޭ ރާޒް އާއި ކަލްކީ ކޮއެޗްލިން އާއި ސިދްހާންތު ޗަތުރްވެދި އާއި ވިޖޭ ވަރްމާ ހިމެނެއެވެ.

އޮސްކާގައި ވާދަކުރާ ފިލްމަކަށް "ގުލީ ބޯއީ" ހަމަޖެއްސުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން "ގުލީ ބޯއީ" އަށްވުރެ އޮސްކާއަށް ވާދަކުރަން އެކަށީގެންވާ ފިލްމް އެބަހުރި ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިހާތަނަށް އިންޑިއާގެ ފިލްމަކަށް އޮސްކާގެ އެވޯޑެއް ލިބިފައިނުވެއެވެ. އޮސްކާގެ އެވޯޑެއްގެ ގަދަ ފަހެއްގައި އެންމެ ފަހުން ވާދަކުރި އިންޑިއާގެ ފިލްމަކީ "ބެސްޓް ފޮރިން ފިލްމް" ކެޓަގަރީން 2001 ވަނަ އަހަރު ފިލްމް "ލަގާން" އެވެ. 1958 ވަނަ އަހަރުގެ ފިލްމް "މަދާރ އިންޑިއާ" އާއި 1989 ވަނަ އަހަރުގެ ފިލްމް "ސަލާމް ބޮންބޭ" އަކީވެސް އޮސްކާގެ އެވޯޑެއްގެ ގަދަ ފަހެއްގައި ހިމެނުނު ދެ ފިލްމެވެ.

ނުވަދިހަ ދެވަނަ އޮސްކާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ.