ސްޕައިޑަ-މޭން 3 ގައި ޓޮބީ އާއި އެންޑްރޫވެސް
މާވެލް ސްޓޫޑިއޯސްގެ ފިލްމް "ސްޕައިޑަ-މޭން 3" ގައި، ސްޕައިޑަ މޭންގެ ރޯލު ކުރިން ކުޅުނު ދެ އެކްޓަރުން ކަމަށްވާ ޓޮބީ މެގްއާ އަދި އެންޑްރޫ ގާފީލްޑް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ފިލްމްގެ ކްލައިމެކްސް ސީންގައި އެކްޓަރު ޓޮމް ހޮލަންޑްއާއެކު ޓޮބީ އަދި އެންޑްރޫ ފެނިގެންދާނެއެވެ.
މާވެލްގެ "ސްޕައިޑަ-މޭން 3" އަކީ މާވެލްގެ ރައީސްގެ ރައީސް ކެވިން ފެއިގްގެ އެންމެ އެމްބިޝިއަސް ޕްރޮޖެކްޓެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެކްޓަރު ޓޮބީ މެގްއާ ވަނީ ސްޕައިޑަ-މޭންގެ ތިން ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ 2002 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން" އާއި 2004 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން 2" އަދި 2007 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން 3" ކެވެ.
އެކްޓަރު އެންޑްރޫ، ސްޕައިޑަ-މޭން ގެ ގޮތުގައި ފެނިގެންދިޔައީ 2012 ވަނަ އަހަރު ރިލީޒްކުރި "ދަ އެމޭޒިން ސްޕައިޑަ-މޭން" އާއި 2014 ވަނަ އަހަރު ރިލީޒްކުރި "ދަ އެމޭޒިން ސްޕައިޑަ-މޭން 2" އިންނެވެ.