އިކޮނޮމިކް ކްލާހަށް ބަދަލުކުރުމުން މެތިއު ރުޅިގަދަވެއްޖެ

ހެރީ ޕޮޓާގެ އެކްޓަރު މެތިއު ލިއުވިސް، ފްލައިޓެއްގެ ފަސްޓް ކުލާހުން އިކޮނޮމިކް ކުލާހަށް ބަދަލުކުރުމުން ރުޅިގަދަވެއްޖެއެވެ.

އުމުރުން 33 އަހަރުގެ މެތިއު ބުނި ގޮތުގައި، އޯލަންޑޯ އިންޓަނޭޝަނަލް އެއާޕޯޓްގެ ގޭޓާއި ހަމައަށް އާދެވުނުއިރު، އޭނާގެ ފަސްޓް ކްލާސްގެ ޓިކެޓް އޮތީ ހަލާކުވެފައެވެ. އޭގެ ސަބަބުން، ފަސްޓް ކުލާހުން އިކޮނޮމިކް ކުލާހަށް ބަދަލުކުރީ ކަމަށް މެތިއު ބުނެފައިވެއެވެ.

"ޔަގީންވެއްޖެ. އެއާ ކެނެޑާއަކީ އުތުރު އެމެރިކާގެ އެންމެ ގޯސް އެއާލައިން" މެތިއު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ފަސްޓް ކުލާހުން އިކޮނޮމިކް ކުލާހަށް ބަދަލުކޮށް، އެކަމާބެހޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުން ނަމަ ކަސްޓަމާ ސާވިސްއަށް ދިއުމަށް އެއާޕޯޓުން ބުނި ކަމަށް މެތިއު ބުންޏެވެ. މެތިއު ބުނި ގޮތުގައި ކަސްޓަމާ ސާވިސް ހުންނަނީ ޓޮރޮންޓޯގައެވެ. އޭރު އޭނާ ފުރަން އައިސް ހުރީ އޯލަންޑޯ އެއާޕޯޓަށެވެ.

ޝަކުވާތައް ބަންޑުންކޮށް މެތިއު ކުރި ޓްވީޓާއި ގުޅިގެން އެއާ ކެނެޑާއިން ވަނީ މައްސަލައިގެ ތަފުސީލު ޑީއެމް ކުރުމަށް އެދިފައެވެ.