"ހައުސްފުލް 4" 100 ކްރޯޑް ކްލަބަށް

ބޮލީވުޑްގެ ފިލްމް "ހައުސްފުލް 4" އަށް ފަސް ދުވަހުގެ ތެރޭގައި 111.82 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 19.08 ކްރޯޑް ރުޕީސްއެވެ. ހަފުތާ ބަންދުގައި 34.14 ކްރޯޑް ރުޕީސް ލިބުނުއިރު ހޯމަ ދުވަހާއި އަންގާރަ ދުވަހު ފިލްމަށް 58.6 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

ގިނަ ތަރިންތަކެއް ބައިވެރިކޮށްގެން އުފައްދާފައިވާ "ހައުސްފުލް" ސިލްސިލާގެ ހަތަރުވަނަ ފިލްމް "ހައުސްފުލް 4" ގެ ޕޯސްޓަރުތަކާއި ޓްރެއިލާ އާންމުކުރުމުން ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔައެވެ. ނަމަވެސް މިހާތަނަށް ފިލްމް ބެލި ގިނަ މީހުންނާއި ކްރިޓީކްސްއަށް މި ފިލްމް ކަމަކު ނުދިޔައެވެ.

ބޮލީވުޑްގެ ބައެއް ކްރިޓީކުން ބުނާ ގޮތުން "ހައުސްފުލް 4" އަކީ އެ ސިލްސިލާގެ ފިލްމްތަކުގެ ތެރެއިން އެންމެ ކަމުނުދާ ފިލްމެވެ.

"ހައުސްފުލް 4" ގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރް، ރިތޭޝް ދޭޝްމުކް، ބޮބީ ޑިއޯލް، ކްރިތީ ސޮނަން ހިމެނެއެވެ.