އިންޑިއާގެ ސިނަމާތައް 100 އިންސައްތަ އޮކިއުޕެންސީގައި ހުޅުވާލަން ހުއްދަ ދީފި
އިންޑިއާގެ ސިނަމާތައް، 100 އިންސައްތަ އޮކިއުޕެންސީގައި ހުޅުވާލުމުގެ ހުއްދަ، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދީފިއެވެ.
އެ ގައުމުގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭރު ސިނަމާތައް ހުޅުވާލީ 50 އިންސައްތަ އޮކިއުޕެންސީގައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން ހާމަކުރި ގޮތުގައި، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާގެ ސިނަމާތައް 100 އިންސައްތަ އޮކިއުޕެންސީގައި ހިންގޭނެއެވެ.
އޮޑިޓޯރިއަމް އިން ބޭރުގައި އަދި ސިނަމާއިން ބޭރުގައި މީހުން މަޑުކޮށްގެން ތިބޭއިރު، މަދުވެގެން ހަ ފޫޓުގެ ގައިދުރުމިން ބަހައްޓަން ޖެހެއެވެ. ސިނަމާއަށްދާ މީހުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު ކުޅުޖެހުން ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ ޓްރެކް އެންޑް ޓްރޭސް އެޕްލިކޭޝަން ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.
ފިލްމް އެޅުވުމަށްފަހު ސިނަމާތައް ސެނިޓައިޒް ކުރަން ޖެހޭއިރު، ސިނަމާގެ ފިނިހޫނުމިން ހުންނަން ޖެހޭނީ 24 ޑިގްރީ ސެލްސިއަސް އާއި 30 ޑިގްރީ ސެލްސިއަސް އާ ދެމެދުގައެވެ. ޓިކެޓް އޮންލައިންކޮށް ނެގުމަށް ނުވަތަ މޯބައިލް ބުކިން ހެދުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ސިނަމާއަށް އަންނަ މީހުންނަށް ބޭނުން ކުރެވޭނެ ގޮތަށް ސެނިޓައިޒާ ލިބޭނެ ގޮތް ހަދަން ޖެހެއެވެ.
މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ކޮވިޑް ރިޕޯޓް ކުރެވިފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 10.7 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓް ކުރެވިފައިވާއިރު މި ބަލީގައި އެ ގައުމުން 154،522 މީހުން ވަނީ މަރުވެފައެވެ. އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަނީ ދަށަށް ގޮސްފައެވެ.