ޗެހެރޭގެ ޕޯސްޓަރެއް

ޗެހެރޭ ރިލީޒްކުރުން ފަސްކޮށްފި

އާނަންދު ޕަންޑިތު ޕްރޮޑިއުސްކޮށް، ރޫމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ ފިލްމް، "ޗެހެރޭ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒްކުރުމަށް ނިންމާފައި އޮތީ އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން ފަސްކުރީ ކޮވިޑް-19 ގެ ސަބަބުންނެވެ.

އެކްޓަރު އިމްރާން ހާޝިމީ ބުނި ގޮތުގައި އެޕްރީލް ނުވަ ވަނަ ދުވަހު މި ފިލްމް ސިނަމާތަކަށް ގެނެވެން ނެތީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ސިނަމާތަކަށް އައު ގައިޑްލައިންތަކެއް ކަނޑައެޅިގެން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް ވަކި ގޮތެއް އަންގަންދެން ފިލްމް ރިލީޒްކުރުން ފަސްކޮށްފައިވާ ކަމަށް އިމްރާން ބުނެފައިވެއެވެ.

ފިލްމްގެ ޓްރެއިލާ ރިލީޒްކުރުމުން ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަކަން ފާހަގަކޮށް އިމްރާން ވަނީ އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ. އިމްރާން ބުނި ގޮތުގައި ނިންމާފައިވަނީ ފިލްމް ސިނަމާތަކުގައި ރިލީޒްކުރުމަށެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރް އަދި ސިދާންތު ކަޕޫރް ހިމެނެއެވެ.