ކެޓްރީނާ ކައިފް: ފޮޓޯ އިންސްޓަގްރާމް

އުފަން ދުވަސް ފާހަގަކުރުމަށް ކެޓްރީނާ ދާން ބޭނުންވާ ތަންތަނުގެ ލިސްޓުގައި ރާއްޖެ

އުފަން ދުވަސް ފާހަގަކުރުމަށް ދާން ބޭނުންވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށް ކެޓްރީނާ ކައިފް ބުނެފިއެވެ.

ކެޓްރީނާ، 35، މިވަގުތު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ބާރަތު" ގެ ޕްރޮމޯޝަންގައެވެ. ފިލްމްގެ ޕްރޮމޯޝަންގެ ތެރެއިން ކުރިއަށް ގެންދިޔަ ލައިވް ޗެޓެއްގައި ކެޓްރީނާގެ ފޭނަކު ވަނީ އޭނާ އެންމެ ދާން ބޭނުންވަނީ ކޮން ތަނަކަށްތޯ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ކެޓްރީނާ ބުނެފައިވަނީ، އޭނާ އެންމެ ދާން ބޭނުންވަނީ ހޫނު ގަދަ އަދި ގޮނޑުދޮށްތައް އޮންނަ ގައުމަކަށް ކަމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ އާއި މެކްސިކޯ ހިމެނޭ ކަމަށާއި ދާން ބޭނުންވާ ތަންތަނުގެ ލިސްޓުގައި ނިއުޔޯކުވެސް ހިމެނޭ ކަމަށް ކެޓްރީނާ ބުންޏެވެ.

ޖުލައި 16 ގައި 36 އަހަރު ފުރޭ ކެޓްރީނާ އިތުރަށް ބުނީ، އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭނުންވަނީ އެ ތިން މަންޒިލުގެ ތެރެއިން މަންޒިލެއްގައި ކަމަށެވެ. ކެޓްރީނާ ވަނީ ދާދި ފަހުންވެސް ރާއްޖޭގައި ޗުއްޓި ހޭދަކޮށްފައެވެ.