ސުޝާންތް ސިންގް

ސުޝާންތްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ކެންސަރު ޖެހިފައިވާ މީހެއްގެ ރޯލުން ފެނިގެންދާ ފިލްމް "ދިލް ބެޗާރާ" އަށް ތައްޔާރުވުމުގެ ގޮތުން އެކްޓަރު ސުޝާންތް ސިންގް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމަށް ސުޝާންތްގެ ބަރުދަން ލުއިކުރަން ޖެހެއެވެ. ނަމަވެސް އޭގެ މާބޮޑު ތަފުސީލެއް ފިލްމް އުފައްދާ ފަރާތުން އަދި ހާމައެއް ނުކުރެއެވެ.

"ދިލް ބެޗާރާ" ގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ ބުނި ގޮތުގައި، ފިލްމަށް ސުޝާންތް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި ސުޝާންތްގެ ފެނިލުމަކީ ސަޕްރައިޒަކަށް ވެގެންދާނެ ކަމަށް މުކޭޝް ބުންޏެވެ.

ފިލްމް "ދިލް ބެޗާރާ" އިން ފެނިގެންދާނެ ތަރިންގެ ތެރޭގައި ސައިފް އަލީ ހާނާއި ސަންޖާނާ ސަންގްހީ ހިމެނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.

ސުޝާންތް ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "ޕީކޭ" އާއި "އެމް.އެސް ދޯނި: ދި އަންޓޯލްޑް ސްޓޯރީ" އާއި "ވެލްކަމް ޓު ނިއުޔޯކް" ހިމެނެއެވެ.