ކ: "ވެނޮމް" ގެ ޕޯސްޓަރެއް ވ: އެންޑީ ސާކިސް

"ވެނޮމް 2" އިން ނުބައިބައި ކެރެކްޓާއެއް ފެންނާނެ: އެންޑީ

ފިލްމް "ވެނޮމް 2" އިން ނުބައިބައި ކެރެކްޓާއެއް ފެނިގެންދާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރު އެންޑީ ސާކިސް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެންޑީ ސާކިސް ބުނީ ފިލްމް "ވެނޮމް 2" އިން "ހަމަ ޔަގީނުންވެސް" ނުބައިބައި ކެރެކްޓާއެއް ފެނިގެންދާނެ ކަމަށާއި މިވަގުތަށް ހާމަ ކުރެވެން އޮތީ އެ މިންވަރު ކަމަށެވެ.

ފިލްމް "ވެނޮމް 2" ގެ ޝޫޓިން ފަށައިގެން އުޅޭތާ 40 ދުވަސްވެފައިވާ ކަމަށާއި ވަރަށް ފޯރިއާއެކު އެކަން ކުރިއަށްދާ ކަމަށް އެންޑީ ބުންޏެވެ.

މި ފިލްމަކީ ރުބެން ފްލެއިޝާ ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ނެރުނު "ވެނޮމް" ގެ ސީކުއެލް ފިލްމެކެވެ.

"ވެނޮމް" ގެ ފުރަތަމަ ފިލްމެކޭ އެއްފަދައިން ދެވަނަ ފިލްމުންވެސް "ވެނޮމް" ގެ ކެރެކްޓާއިން ފެނިގެންދާނީ ޓޮމް ހާޑީއެވެ. މި ސީރީޒްގެ ފުރަތަމަ ފިލްމުން ފެނިގެންދިޔަ މިޝެލް ވިލިއަމްސް "ވެނޮމް 2" އިން ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް "ވެނޮމް" ގެ ފުރަތަމަ ފިލްމަށް ލިބުނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 856 މިލިއަން ޑޮލަރު ލިބިފައެވެ.