"މޭޑް އިން ޗައިނާ" އަށް ދިނީ ޔޫ/އޭ ސެޓްފިކެޓެއް

ރާޖްކުމާރް ރާއޯ އާއި މޯނީ ރޯއީ ލީޑްރޯލުން ފެނިގެންދާ ފިލްމް "މޭޑް އިން ޗައިނާ" އަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަން (ސީބީއެފްސީ) އިން ޔޫ/އޭ ސެޓްފިކެޓް ދީފިއެވެ. ޔޫ/އޭ ސެޓްފިކެޓް އަކީ، އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ބެލެނިވެރިންނާއެކު ފިލްމް ބެލުމުގެ ހުއްދަ ދޭ ކްލެސިފިކޭޝަންއެކެވެ.

އިންޑިއާގެ ފިލްމް ސެންސަރު ބޯޑުން، ފިލްމަށް ޔޫ/އޭ ސެޓްފިކެޓް ދިނުމުން އެކަން ބަލައިގަންނަ ކަމަށް ބުނެ ފިލްމްގެ ޕްރޮޑިއުސަރު ވިޖަން ބުނީ އެ ބޯޑުން ގެންގުޅެނީ ވަރަށް ހަމަހަމަ ސިސްޓަމެއް ކަމަށެވެ.

ފިލްމް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައިވެސް ވާހަކަ ދައްކަމުން، ވިޖަން ވަނީ މި ފިލްމްގައި މުޖުތަމައު ބަލައިނުގަންނަ ފަދަ މަންޒަރު ނުހިމޭނެ ކަމަށެވެ. ވިޖަން ވަނީ އޭނާގެ މަންމައާއެކުވެސް މި ފިލްމް ބަލައިފައިވާކަމަށް ބުނެފައެވެ.
މި ފިލްމްގައި ރާޖްކުމާރް ރާއޯ ފެނިގެންދާނީ ގުޖްރާތުގެ ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. މި ފިލްމުން ފެނިގެންދާ އިތުރު ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ އާއި ޕަރޭޝް ރަވަލް އަދި ގަޖްރަޖް ރާއޯ ހިމެނެއެވެ.

ބޮކްސް އޮފީހުގައި މި ފިލްމް ވާދަކުރަން ޖެހޭނީ ކޮމެޑީ ފިލްމް "ހައުސްފުލް 4" އާއި "ސާންޑް ކީ އާނކް" އާއެވެ. މި ތިން ފިލްމްވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.