ފިލްމް "ކަލަންކް" އަށް ކަރަން ނަގަން ބޭނުންވީ އެހެން ތަރިންތަކެއް

އަބީޝެކް ވަރްމަން ޑައިރެކްޓްކުރާ ފިލްމް "ކަލަންކް" އަށް ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމުގައިވާ ކަރަން ޖޯހަރް ނަގަން ބޭނުންވީ އެހެން ތަރިންތަކެއް ކަމަށް އަޑު ފެތުރިއްޖެއެވެ.

ކަރަން ޖޯހަރް އާއި ސާޖިދް ނަޑިއަޑްވަލާ ޕްރޮޑިއުސްކުރާ ފިލްމް "ކަލަންކް" އަކީ 1.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ސަންޖޭ ދަތު، އާލިއާ ބަޓް، މަދޫރީ ޑިކްސިޓް، ސޮނާކްޝީ ސިންހާ ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމް "ކަލަންކް" އަށް ޕްރޮޑިއުސަރު ކަރަން ޖޯހަރް ނަގަން ބޭނުންވީ އެހެން ފަންނާނުންތަކެކެވެ. އޭގެ ތެރޭގައި ޝާހްރުކްހާން، ރާނީ މުކަރްޖީ، އަޖޭ ދޭވްގަން އަދި ކާޖޮލް ހިމެނެއެވެ.

ކަރަން ޖޯހަރް އެގޮތަށް ބޭނުންވި ނަމަވެސް، އެކަން އޭނާ ބޭނުންވި ގޮތަށް ނުވީ ތަރިން ނުލިބިގެންކަން ނުވަތަ ޑައިރެކްޓަރު އެއްބަސްނުވެގެންކަން ހާމަކޮށްފައިނުވެއެވެ.