"ވޮންޑަ ވުމަން" ގެ ތިންވަނަ ފިލްމެއް އުފައްދަނީ
ސުޕަހީރޯ ފްރެންޗައިޒް، "ވޮންޑަ ވުމަން" ގެ ތިންވަނަ ފިލްމެއް އުފެއްދުމަށް ޑައިރެކްޓަރު ޕެޓީ ޖެންކިންސް އާއި އެކްޓަރު ގަލް ގެޑޯ ތައްޔާރުވެއްޖެއެވެ.
ވޯނާ ބްރޯސް. އިން ހާމަކުރި ގޮތުގައި ތިންވަނަ ފިލްމް ރިލީޒްކުރާނީ ސިނަމާތަކުގައެވެ. ނަމަވެސް މާބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް، "ވޮންޑަ ވުމަން" ގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2017 ވަނަ އަހަރުއެވެ. ދެވަނަ ފިލްމް، "ވޮންޑަ ވުމަން 1984" ރިލީޒްކުރީ މިމަހުއެވެ. ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްގައި ފިލްމް ރިލީޒްކޮށްފައިވާއިރު، ކޮވިޑްގެ ނޭދެވޭ އަސަރު ކުރި ނަމަވެސް ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ ރަނގަޅު ކަމަށް ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މިދިޔަ ހަފުތާ ބަންދުގައިވެސް މި ފިލްމަށް 36 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާ އަދި ކެނެޑާގެ ސިނަމާތަކުން ލިބުނު 16 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.