ބްލެކް ޕެންތާ

"ބްލެކް ޕެންތާ" ގެ ސީކުއެލްގެ ޝޫޓިން އަންނަ ޖުލައިގައި

މާވެލް ސުޕަހީރޯ ފިލްމް، "ބްލެކް ޕެންތާ" ގެ ސީކުއެލްގެ ޝޫޓިން އަންނަ އަހަރުގެ ޖުލައި މަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މީގެ ކުރިން ހަމަޖެހިފައި އޮތީ ފިލްމްގެ ޝޫޓިން، އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފެށުމަށެވެ. ނަމަވެސް "ބްލެކް ޕެންތާ" ގެ ފުރަތަމަ ފިލްމްގައި ބްލެކް ޕެންތާގެ ރޯލު ކުޅުނު އެކްޓަރު ޗާޑްވިކް ބޯޒްމަން މަރުވުމާއި ގުޅިގެން ފިލްމްގެ މަސައްކަތްތައް ފަސްވީއެވެ.

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން، "ބްލެކް ޕެންތާ 2" ގެ ޝޫޓިން ހަ މަސް ދުވަހަށް އެޓްލާންޓާގައި ކުރިއަށްދާނެއެވެ. މި ފިލްމްވެސް ޑައިރެކްޓްކުރާނީ 2018 ވަނަ އަހަރު ރިލީޒްކުރި "ބްލެކް ޕެންތާ" ގެ ފުރަތަމަ ބައި ޑައިރެކްޓްކުރި ރަޔަން ކޫގްލާއެވެ.

"ބްލެކް ޕެންތާ" ގެ ފުރަތަމަ ފިލްމަކީ މާވެލް ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށް، ވޯލްޓް ޑިޒްނީ ސްޓޫޑިއޯސް މޯޝަން ޕިކްޗާސް އިން ޑިސްޓްރިބިއުޓްކުރި ފިލްމެކެވެ. 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އެ ފިލްމްގައި ބެލްކް ޕެންތާގެ ރޯލުން ފެނިގެންދިޔަ ޗާޑްވިކް މަރުވީ މިއަހަރުގެ އޮގަސްޓް މަހުއެވެ.

ޗާޑްވިކް މަރުވުމާއި ގުޅިގެން ފިލްމްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއް ކަމަށްވާ އަލޯންސޯ ވިކްޓޯރިއާ ބުނެފައިވަނީ "ބްލެކް ޕެންތާ" ގެ ދެވަނަ ފިލްމްގައި ޗާޑްވިކްގެ ޑިޖިޓަލް ޑަބަލްއެއް ބޭނުން ނުކުރާނެ ކަމަށެވެ.