"ދަ ބެޓްމޭން" ރިލީޒްކުރުންވެސް ފަސްކޮށްފި

މެޓް ރީވްސް ޑައިރެކްޓްކުރާ ފިލްމް "ދަ ބެޓްމޭން" އަށް އިންތިޒާރުކުރާ މީހުން މަދެއް ނޫނެވެ. ފިލްމް ރިލީޒްކުރާ ތާރީހު ފަސްކުރެވުމާއެކު، އަންނަ އަހަރުވެސް މި ފިލްމް ސިނަމާތަކަށް ނާންނާނެއެވެ.

"ދަ ބެޓްމޭން" ހިމެނޭ ގޮތަށް، ވޯނާ ބްރޯސްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރާ ތާރީހު މިވަނީ ފަސްކޮށްފައެވެ. ޖޫން 2021 ގައި ރިލީޒްކުރަން އޮތް ފިލްމް، އެ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހަށް ފަސްކުރުމަށްފަހު އަނެއްކާވެސް މި ވަނީ ފިލްމް ރިލީޒްކުރާ ތާރީހު ފަސްކޮށްފައެވެ. ފިލްމް ރިލީޒްކުރާ ތާރީހަށް ގެނެވުނު ބަދަލާއެކު، މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މި ފިލްމްގައި ބެޓްމޭންގެ ރޯލުން ފެނިގެންދާނީ އެކްޓަރު ރޮބަޓް ޕެޓިންސަންއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޕޯލް ޑާނޯ، އެންޑީ ސާކިޒް، ކޮލިން ފެރެލް އަދި ޒޯއީ ކްރަވިޒް ހިމެނެއެވެ.

ވޯނާ ބްރޯސް އިން މިވަނީ "ދަ ފްލޭޝް" އާއި "ޝަޒަމް 2" އަދި "ބްލެކް އެޑަމް" ރިލީޒްކުރާ ތާރީހު ފަސްކޮށްފައެވެ. "ދަ ފްލޭޝް" ރިލީޒްކުރަން އޮތީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން އެ ފިލްްމް ރިލީޒްކުރާނީ 2022 ގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޝަޒަމް 2 ރިލީޒްކުރަން އޮތީ 2022 ގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް ރިލީޒްކުރާ ތާރީހަށް އަލަށް ގެނެވުނު ބަދަލާއެކު، މި ފިލްމް ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.

ފިލްމް "ބްލެކް އެޑަމް" ރިލީޒްކުރާ ތާރީހަށްވެސް މި ވަނީ ބަދަލު ގެނެސްފައެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން އޮތް ފިލްމް، ދެން ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ތިންވަނަ ދުވަހުއެވެ.