ކެޓްރީނާ ކައިފް

ސްޓަންޓް އާޓިސްޓުންގެ އެހީއާއެކު ކެޓްރީނާ ތަމްރީންތަކެއް ހަދަނީ

މަޝްހޫރު ފިލްމް ފްރެންޗައިޒް "ޓައިގާ" ގެ ތިންވަނަ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބަތަލާ ކެޓްރީނާ ކައިފް، ދެކުނު ކޮރެއާގެ ސްޓަންޓް އާޓިސްޓުންގެ އެހީގައި ތަމްރީންތަކެއް ފަށައިފިއެވެ.

މި ފިލްމްގެ ޝޫޓިން މިމަހުގެ އަށްވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދެކުނު ކޮރެއާގެ ސްޓަންޓް އާޓިސްޓުންނާއެކު، ކެޓްރީނާ ތަމްރީނު ހޯދަމުން އަންނަތާ މިހާރު 14 ދުވަސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުމްބާއީގައި ފިލްމްގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންދާއިރު، ފިލްމްގެ ލީޑް އެކްޓަރުން ތައްޔާރުވެ ތިބުމަށް ޑައިރެކްޓަރު މަނީޝް ޝަރްމާ ވަނީ އަންގާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ލީޑް އެކްޓަރު ސަލްމާން ޙާނާއި ބަތަލާ ކެޓްރީނާ ކައިފްވެސް، ފާއިތުވި ދެ ހަފުތާގައި މަސައްކަތްކުރަމުން ގޮސްފައިވަނީ އެ މީހުންގެ ފިޓްނަސް މިންވަރު މަތިކުރުމަށެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ފިލްމް "އޭކް ތާ ޓައިގާ" އާއި 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޓައިގާ ޒިންދާ ހޭ" އިންވެސް ފެނިގެންދިޔަ ކެޓްރީނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ފޯނު ބޫތު" ހިމެނެއެވެ.