އެންޑީ، ސުޕަގާލްގެ ކޮސްޓިއުމް ދައްކާލަނީ

ފިލްމް "ދަ ފްލޭޝް" ގައި ސުޕަގާލްގެ ރޯލަށް ސާޝާ

އެންޑީ މަސްޗިއެޓީ ޑައިރެކްޓްކުރާ ފިލްމް، "ދަ ފްލޭޝް" ގައި ސުޕަގާލްގެ ރޯލަށް ބަތަލާ ސާޝާ ކާލިއޭ ހަމަޖައްސައިފިއެވެ.

ސުޕަގާލްގެ ރޯލަށް ސާޝާ ހަމަޖެއްސިކަން، އެންޑީ އިއުލާނުކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެންޑީ އާއި ސާޝާގެ ވީޑިއޯ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެންޑީ ވަނީ ބައެއް ސުވާލުކޮށްލަން އެބަހުރި ކަމަށް ސާޝާ ގާތު ބުނެފައެވެ. ޖަވާބުގައި ސާޝާ ވަނީ ސުވާލުކުރުމަށާއި ދޮގު ނުހަދާ ޖަވާބު ދޭނެ ކަމަށް ބުނެފައެވެ.

"އުދުހެވޭނެތަ؟" އެންމެ ފުރަތަމަވެސް އެންޑީ ސުވާލުކުރެއެވެ. އެއަށްފަހު "އުދުހެން ބޭނުންތޯ" ސުވާލުކުރުމުން ސާޝާ ވަނީ "އުދުހެން" ބޭނުންވާ ކަމަށް ބުނެފައެވެ.

ވީޑިއޯ ބައްދަލުވުމުގައި ދެން ފެނިގެންދަނީ، އެންޑީ ސުޕަގާލްގެ ކޮސްޓިއުމް ނަގާ ސާޝާއަށް ދައްކާލާ މަންޒަރެވެ. އަދި ސުޕަގާލްގެ ރޯލަށް ސާޝާ ހަމަޖެއްސިކަން އިއުލާނުކުރެއެވެ. ސުޕަގާލްގެ ރޯލަށް ހަމަޖެއްސިގެން ދިއުމާއެކު އެންޑީ ވަނީ ސާޝާއަށް މަރުހަބާ ކިޔާފައެވެ. ސާޝާ ވަނީ އެ ފުރުސަތު އޭނާއަށް ދިނުމުން ޝުކުރު އަދާކޮށްފައެވެ.

މި ފިލްމްގައި ދަ ފްލޭޝް ނުވަތަ ބެރީ އެލަންގެ ރޯލުން ފެނިގެންދާނީ އެކްޓަރު އެޒްރާ މިލާއެވެ. ފިލްމްގައި ބެޓްމޭންގެ ރޯލުން އެކްޓަރު ބެން އެފްލެކް އާއި މައިކަލް ކީޓޮން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.