އައިޝްވަރްޔާ ރާއީ

މެލަފިސަންޓަށް އަޑުއަޅައިދޭނީ އައިޝްވަރްޔާ

މިމަހު ރިލީޒްކުރާ ޑިޒްނީގެ ފިލްމް "މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލް" ގެ ހިންދީ ވާޝަންގައި މެލަފިސަންޓްގެ ކެރެކްޓާއަށް އަޑު އަޅައިދޭނީ އައިޝްވަރްޔާ ރާއީއެވެ.

އައިޝްވަރްޔާ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯކޮޅަކާއެކު ބުނެފައިވަނީ ޑިޒްނީގެ އާއިލާގައި ހިމެނިގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ. އެ ވީޑިއޯކޮޅުން އައިޝްވަރްޔާ އާއި މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލްގެ މަންޒަރުތަކެއް ފެނިގެންދެއެވެ.

ޑިޒްނީގެ އިންޑިއާގެ ސްޓޫޑިއޯ އިން ބުނީ ފިލްމްގެ ހިންދީ ވާޝަންގައި މެލަފިސަންޓްގެ ރޯލަށް އަޑުއަޅަން އައިޝްވަރްޔާ ނޫން އެހެން މީހެއް ހިޔާލަށް ގެންނަންވެސް އުނދަގޫވި ކަމަށެވެ. ކެރެކްޓާއަށް އައިޝްވަރްޔާ އަޑު އަޅައިދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ޑިޒްނީގެ އިންޑިއާ ސްޓޫޑިއޯ އިން ފާހަގަކުރެއެވެ.

"މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލް" ސިނަމާތަކަށް އަންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ޖޯޗިމް ރޮނިން ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި މެލަފިސަންޓްގެ ރޯލުން ފެނިގެންދާނީ އެންޖެލީނާ ޖޮލީއެވެ. މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި އެލް ފެނިންގް، އިޑް ސްކެރީން، ހެރިސް ޑިކިންސަން އަދި ޖޫނޯ ޓެމްޕަލް ހިމެނެއެވެ.