ނެޓްފްލިކްސްއަށް މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލިއްޖެ

ސްޓްރީމިން ޕްލެޓްފޯމް "ނެޓްފްލިކްސް" އަށް، ގާތްގަނޑަކަށް އެއް މިލިއަން ސަބްސްކްރައިބަރުން ގެއްލިއްޖެއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ ފަހުން، މިހާތަނަށް މިލިއަނެއްހާ މީހުން ވަނީ ނެޓްފްލިކްސް ބޭނުންކުރުން ހުއްޓާލާފައެވެ. މިއީ ނެޓްފްލިކްސްގެ ތާރީހުގައިވެސް، ޔޫއެސް އަދި ކެނެޑާ ސަރަހައްދުން އެންމެ ގިނަ އަދަދަކަށް ސަބްސްކްރައިބަރުން ގެއްލުނު ފަހަރެވެ. ދެވަނައަށް އެންމެ ގިނަ ސަބްސްކްރައިބަރުން ނެޓްފްލިކްސް ދޫކޮށްލީ ޔޫރަޕް ސަރަހައްދުންނެވެ.

މިއަހަރުގެ އެޕްރީލްގެ ކުރިން އައި ތިން މަސް ދުވަހުގެ ތެރޭގައިވެސް ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންތަކެއް ވަނީ، އެ ޕްލެޓްފޯމް ބޭނުންކުރުން ހުއްޓާލާފައެވެ.

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންތަކެއް ގެއްލުނުކަން، ނެޓްފްލިކްސުން ފުރަތަމަ ފަހަރަށް ހާމަކުރީ 2011 ގެ އެޕްރީލްގައެވެ. އޭރު ސަބްސްކްރައިބަރުންތަކެއް ގެއްލުނީ ނެޓްފްލިކްސްގެ މުވައްޒަފުންތަކެއް ވަޒީފާއިން ކަނޑާލި ޚަބަރަށްފަހުއެވެ.