މިއީ އެނބުރި މަސައްކަތަށް ދާންވީ ވަގުތު: އަބިޝެކް

މިއީ އެނބުރި މަސައްކަތަށް ދާންވީ ވަގުތު ކަމަށް އެކްޓަރު އަބިޝެކް ބައްޗަން ބުނެފިއެވެ.

އެކްޓަރު އަބިޝެކް ބައްޗަން އެކަން ހާމަކޮށްފައިވަނީ، އޭނާ ބޯކޮށުމުގެ ކުރިންނާއި އޭގެ ފަހުން ނަގާފައިވާ ދެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ކުރި ޕޯސްޓްގައެވެ. އެނބުރި މަސައްކަތަށް ދިއުމަށް އަބިޝެކް ތައްޔާރުވަމުންދަނީ ކޮން ފިލްމަކަށްކަން އޭނާ ހާމައެއް ނުކުރެއެވެ.

އަބިޝެކްގެ ކުރިއަށްހުރި ފިލްމްތަކުގެ ތެރޭގައި އަނޫރާގް ބާސޫ ޑައިރެކްޓްކުރާ ފިލްމް "ލޫޑޯ" ހިމެނެއެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ރާޖްކުމާރް ރާއޯ އާއި އަދިތިޔާ ރޯއި ކަޕޫރް ހިމެނެއެވެ. އޭގެ އިތުރުން ކްރައިމް ފިލްމެއް ކަމަށްވާ "ދަ ބިގް ބުލް" އަކީވެސް އަބިޝެކްގެ ކުރިއަށް ހުރި ފިލްމެކެވެ.

ފިލްމީ މަސައްކަތްތައް ފެށުމަށް އަބިޝެކް ތައްޔާރުވަމުންދާއިރު، އޭނާ އާއި އޭނާގެ އަންހެނުން އައިޝްވާރިއާ އަދި އެ ދެމަފިރިންގެ ދަރިފުޅު އަރަދިއާއަށް ކޮވިޑް-19 ޖެހި މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެ އިތުރުން އަބިޝެކްގެ ބައްޕަ އަމީރާބް ބައްޗަން އަށްވެސް ކޮވިޑް-19 ޖެހި މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.