ޕްރިޔަންކާ ޗޯޕްރާ

ޑައިރެކްޓަރުގެ ގޮނޑިއަށް ޕްރިޔަންކާ ޖެހިލުންވޭ

ޕްރިޔަންކާ ޗޯޕްރާއަކީ ލީޑިން އެކްޓްރެސްއެއްގެ އިތުރުން ލަވަކިޔުންތެރިއެކެވެ. ފިލްމް ޕްރޮޑަކްޝަން ކުންފުންޏެއް ހަދައިގެން ފިލްމް ޕްރޮޑިއުސް ކުރުމުގެ މަސައްކަތްވެސް ކުރާ ޕްރިޔަންކާ ފިލްމް ޑައިރެކްޓަރުގެ ގޮނޑިއަށް ޖެހިލުންވެއެވެ.

ދެހާސްވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީ ތާޖު ހާސިލުކުރި ޕްރިޔަންކާ ބުނީ ފިލްމެއް ޑައިރެކްޓްކުރުމަށް ބޭނުންވާ ކަމަށެވެ.

" އެކަމަކީ (ފިލްމް ޑައިރެކްޓްކުރުން) އަހަރެން ޖެހިލުންވާ ކަމެއް. ސަބަބަކީ އެއީ ވަރަށް ބޮޑު ޒިންމާއެއް. ނަމަވެސް މަޑުމަޑުން އަހަރުން އެކްޓިން އިން ޕްރޮޑަކްޝަނާއި ހަމައަށް މިހިރީ އައިސް. އަދި ފިލްމެއް ޑައިރެކްޓް ކުރާނަން" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2003 ވަނަ އަހަރުގެ ފިލްމް "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އެވެ.  ޕްރިޔަންކާގެ ކާމިޔާބު ބައެއް ފިލްމްތަކުގެ ތެރޭގައި "ކްރިޝް" އާއި "އަގްނީޕަތު" އާއި "ކްރިޝް 3" ހިމެނެއެވެ.

ޕްރިޔަންކާ އެންމެ އަވަހަށް ދެން ސްކްރީނުން ފެނިގެންދާނީ އޭނާ ޕްރޮޑިއުސްކޮށް ލީޑް ރޯލު ކުޅެފައިވާ ފިލްމް "ދަ ސްކައި އިޒް ޕިންކް" އިންނެވެ. މިމަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ފަރްހާން އަހްތަރު އާއި ޒައިރާ ވަސީމް ހިމެނެއެވެ.