ޑެނިއެލް

އަލުން "ހެރީޕޮޓާ" ގެ ރޯލު ކުޅެން ޑެނިއެލް ބޭނުމެއް ނޫން

އެކްޓަރު ޑެނިއެލް ރެޑްކްލިފް، ހެރީޕޮޓާގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2001 ވަނަ އަހަރުއެވެ. 2001 އިން 2011 ވަނަ އަހަރުގެ ނިޔަލަށް ހެރީޕޮޓާ ފިލްމް ފްރެންޗައިޒްގެ ފިލްމްތައް ރިލީޒްކުރެވެމުންދިޔައިރު، މިއީ ބެލުންތެރިންގެ މަގުބޫލުކަން ލިބިގެންދިޔަ ފިލްމްތަކެކެވެ.

ފިލްމް ފްރެންޗައިޒް "ހެރީޕޮޓާ" އަށްފަހު 2016 ވަނަ އަހަރުން ފެށިގެން ރިލީޒްކުރެވެމުން ދަނީ "ހެރީޕޮޓާ" ގެ ސްޕިނިން-އޮފް ޕްރިކުއެލް ފިލްމް ފްރެންޗައިޒް "ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓު ފައިންޑް ދެމް" އެވެ. އެ ފިލްމް ފްރެންޗައިޒްގެ ފިލްމަކުން ހެރީޕޮޓާގެ ގޮތުގައި ފެނިގެން ހިނގައިދާނެތޯ ސުވާލު ކުރެވުމުން ޑެނިއެލް ބުނީ ހެރީޕޮޓާގެ ގޮތުގައި ފެނިގެން ހިނގައިދާނެހެން ހީނުވާ ކަމަށެވެ.

ޑެނިއެލް ބުނީ ކަންކަމަށް ނޫނެކޭ ބުނުމަކީ އޭނާ އެހާ ގަޔާވާ ކަމެއް ނޫން ކަމަށާއި ހެރީޕޮޓާގެ ގޮތުގައި ފެނިގެން ދިއުމަށް އަވަސްވެ ނުގަންނަ ކަމަށެވެ. ހެރީޕޮޓާގެ ކާސްޓުންނާއި ނުލާ، ފެންޓާސްޓިކް ބީސްޓްސް ކުރިއަށް ގޮސްފައިވާ ކަމަށާއި އެކަމަށް އުފާކުރާ ކަމަށް ޑެނިއެލް ބުންޏެވެ.

"މިހާރުގެ ދިރިއުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. އަހަރެން މިބުނަނީ ފްރެންޗައިޒަށް އެނބުރި ނުދާނަމެކޭ ނޫން." ޑެނިއެލް ބުންޏެވެ.

ޑެނިއެލް ބުނީ މިހާރު ކެރިއަރު އޮތީ ވަރަށް ފްލެކްސިބަލްކޮށް ކަމަށާއި އެކަމާމެދު ހިތްހަމަޖެހޭ ކަމަށެވެ. ދުރާލާ ސީރީޒެއްގައި ސޮއިކޮށްގެން، މިހާރު އޮތް ފްލެކްސިބަލް ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ހާލަތަކަށް ދާން ބޭނުންނުވާ ކަމަށް ޑެނިއެލް ބުންޏެވެ.