ސަންޔާ މަލްހޯތްރާ

"ޝަކުންތަލާ ދޭވީ ހިއުމަން ކޮމްޕިއުޓާ" އަށް ސަންޔާ ގުޅިއްޖެ

އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ، ޝަކުންތަލާ ދޭވީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމް، "ޝަކުންތަލާ ދޭވީ ހިއުމަން ކޮމްޕިއުޓާ" އަށް ބަތަލާ ސަންޔާ މަލްހޯތްރާ ގުޅިއްޖެއެވެ.

މި ފިލްމްގައި، ޝަކުންތަލާގެ ރޯލުން ކުޅޭނީ މަޝްހޫރު ފިލްމީތަރި ވިދްޔާ ބާލަންއެވެ. ފިލްމްގައި ސަންޔާ ފެނިގެންދާނީ ޝަކުންތަލާގެ ދަރި އަނުޕަމާ ބެނަރްޖީގެ ރޯލުންނެވެ.

ސަންޔާ ބުނީ، ޝަކުންތަލާ ފަދަ ޝަހުސިއްޔަތެއްގެ ދަރިއެއްގެ ރޯލު ކުޅެން ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި އެކްޓްރެސް ވިދްޔާ ބާލަންއާއެކު މަސައްކަތްކޮށް، މަންމަ އާއި ދަރިފުޅުގެ ގުޅުން ސްކްރީނަށް ގެނެސްދިނުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ނޮވެމްބަރު 1929 ވަނަ އަހަރު އުފަންވި ޝަކުންތަލާ ފާހަގަ ކުރެވިފައިވަނީ އާދަޔާހިލާފު ތޫނުފިލަކަމާއި ހިސާބުގެ އިލްމަށް މޮޅު މީހެއްގެ ގޮތުގައެވެ. އިންޑިއާގެ "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވި ޝަކުންތަލާގެ ހުނަރު ފާހަގަ ކުރެވި، 1982 ވަނަ އަހަރު ޝަކުންތަލާއަށް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ލިބިފައެވެ.

ޝަކުންތަލާ މަރުވީ އުމުރުން 82 އަހަރުގައި، 2013 ވަނަ އަހަރުއެވެ.