ފިލްމް "މައިދާން"ގެ ޕޯސްޓަރެއް

"މައިދާން" ގެ ސެޓު މަރާމާތުކުރަން 7 ކްރޯޑް ރުޕީސް

ތޫފާން "ޓައުޓޭ" ގެ ސަބަބުން، ފިލްމް "މައިދާން" ގެ ސެޓަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް ބޯނީ ކަޕޫރަށް ހަތް ކްރޯޑް ރުޕީސް ހޭދަކުރަން ޖެހިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ތޫފާނުގައި ފިލްމްގެ ސެޓު ވަނީ އެއްކޮށް ހަލާކުވެފައެވެ. ފިލްމްގެ ސެޓު ހަލާކުވެފައި މިވަނީ، ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ ތެރޭގައި ސެޓު ރޫޅާލުމަށްފަހު އަލުން ސެޓު ރާވައި ފިލްމްގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ބޯނީ ކަޕޫރް ބުނި ގޮތުގައި ކޮވިޑްގެ ސަބަބުން ފިލްމްގެ ސެޓު ރޫޅާލަން ނުޖެހުނުނަމަ ފިލްމްގެ ޝޫޓިން މިހާރު އޮންނާނީ ނިމިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ސެޓު ހެދުމަށް ބޯނީ ކަޕޫރް މީގެ ކުރިން ވަނީ 22 ކްރޯޑް ރުޕީސް ހޭދަކޮށްފައެވެ. ސެޓު އަލުން މަރާމާތު ކުރުމަށް އޭނާ އިތުރަށް ހަތް ކްރޯޑް ރުޕީސް ހޭދަކުރަން ޖެހޭނެއެވެ.

މި ފިލްމްގައި އެކްޓަރު އަޖޭ ފެނިގެންދާނީ، އިންޑިއާގެ ފުޓްބޯޅަ ޓީމް، 1951 ވަނަ އަހަރު އާއި 1962 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ކާމިޔާބުކުރިއިރު ޓީމް ލީޑްކުރި ސައިދު އަބްދުލްރަހީމްގެ ރޯލުންނެވެ.