އަމްރިތާ ރާއޯ

އަމްރިތާ އަމިއްލައަށް ކުރި ކަމަކުން ބަޔަކު އޭނާގެ ޓްވިޓާ ހެކްކޮށްފި

ބޮލީވުޑްގެ އެކްޓްރެސް އަމްރިތާ ރާއޯ އަމިއްލައަށް ކުރި ކަމަކުން، ބަޔަކު އޭނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފިއެވެ.

އަމްރިތާއާ ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ލީޑިން ޓީވީ ޗެނަލެއްގެ ނަމުގައިވާ އެކައުންޓުން އަމްރިތާގެ ސޯޝަލް މީޑިއާ އެކައުންޓަށް ޑައިރެކްޓް މެސެޖެއް މިދިޔަ ހަފުތާގައި ލިބުނެވެ.

އެ މެސެޖްގައި، އަމްރިތާގެ އާޓިކަލެއް ޕަބްލިޝްކުރަން ބޭނުންވެގެން އެކަމުގެ ހުއްދައަށް އެދި ލިންކެއް ފޮނުވާފައިވާ ކަމަށް އަމްރިތާ ބުންޏެވެ.

"އަހަރެންގެ ސޯޝަލް މީޑިއާ ޓީމުން އެ ލިންކް ހުޅުވާލި. އެ ލިންކް ހުޅުވާލުމުން އަހަރެންގެ (ސޯޝަލް މީޑިއާ) އެކައުންޓްގެ ޕާސްވޯޑް ޖަހަންއެރި. ޕާސްވޯޑް ޖެހުމުން އިތުރު އެއްވެސް ކަމެއް ނުވި. އެހިސާބުން ޓްވިޓާ އެކައުންޓް ލޮކްވެއްޖެ." އަމްރިތާ ބުންޏެވެ.

މިހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ އަމްރިތާ އަމިއްލައަށް ކުރި ކަމަކުން ދިމާވި ކަމެއް ކަމަށެވެ.

އަމްރިތާގެ ސޯޝަލް މީޑިއާ ޓީމުން މިހާރު ދަނީ ޓްވިޓާއާއި ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.