"އެވަޓާ 2" 2021 ގައި ރިލީޒް ނުކުރެވޭނެ: ޖޭމްސް ކެމަރޫން

ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމަކީ ޖޭމްސް ކެމަރޫން ޑައިރެކްޓްކުރާ "އެވަޓާ" ސީކުއެލްގެ ފިލްމް "އެވަޓާ 2" އެވެ. ނަމަވެސް މިހާރު ކަނޑައެޅިފައިވާ ގޮތަށް 2021 ވަނަ އަހަރަށް ފިލްމް ރިލީޒް ނުކުރެވޭނެ ކަމަށް ޖޭމްސް ކެމަރޫން މިވަނީ ބުނެފައެވެ.

ޖޭމްސް ކެމަރޫން އާންމުކުރި ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން، ފިލްމްގެ މަސައްކަތްތައް ދިގު މުއްދަތަކަށް ހުއްޓާލަން ޖެހުނު ކަމަށެވެ. ފިލްމްގެ މަސައްކަތްތައް މިހާރު ނިއު ޒީލޭންޑްގައި ކުރިއަށް ދިޔަ ނަމަވެސް، ލޮސް އެންޖެލްސްގައި ވާޗުއަލް ޕްރޮޑަކްޝަން މަސައްކަތަށް އަސަރުކޮށްފައިވާ ކަމަށް ޖޭމްސް ވަނީ ބުުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން، މިހާރު ހަމަޖެހިފައިވާ ގޮތަށް ޑިސެމްބަރު 2021 ގައި ފިލްމް ގެނެސްދިނުމަކީ ނުވާނެ ކަމެއް ކަމަށް ޖޭމްސް ބުންޏެވެ. ޖޭމްސް ބުނި ގޮތުގައި އެކަމާމެދު އޭނާއަށްވުރެ ބޮޑަށް ޑިސަޕޮއިންޓްވާނެ މީހަކު ނުހުންނާނެއެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން "އެވަޓާ 2" ރިލީޒްކުރުން މިހާރު ވަނީ 2022 އަށް ފަސްކޮށްފައެވެ. 2023 ވަނަ އަހަރު ރިލީޒްކުރަން އޮތް "އެވަޓާ 3" 2024 އަށް ފަސްކޮށްފައިވާއިރު، 2025 ވަނަ އަހަރު ރިލީޒްކުރަން އޮތް "އެވަޓާ 4" މިހާރު ވަނީ 2026 އަށް ފަސްކޮށްފައެވެ. އަދި 2027 ގައި ރިލީޒްކުރަން އޮތް "އެވަޓާ 5" މިހާރު ވަނީ 2028 އަށް ފަސްކޮށްފައެވެ.