ފިލްމްގެ ބައެއް ތަރިންނާއެކު ޑައިރެކްޓަރު މަހޭޝް

"ސަޅަކް 2" ޑިޖިޓަލްކޮށް ރިލީޒްކުރަނީ މަޖުބޫރުވެގެން: މުކޭޝް

މަހޭޝް ބަޓް ޑައިރެކްޓްކުރާ ފިލްމް، "ސަޅަކް 2" ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރަނީ މަޖުބޫރު ވެގެން ކަމަށް ފިލްމްގެ ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނެފިއެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން މުކޭޝް ބަޓް ބުނީ އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. މި ހާލަތުގައި ސިނަމާތައް ހުޅުވާނެ ހެން ހީވޭތޯ އަދި ސިނަމާތައް ހުޅުވި ނަމަ، "ސަޅަކް 2" ސިނަމާގައި ރިލީޒްކޮށްގެން މީހުން އެ ފިލްމް ބަލަން ދާނެތޯ މުކޭޝް ވަނީ ސުވާލު އުފައްދާފައެވެ.

މުކޭޝް ބުނި ގޮތުގައި ޑިޖިޓަލް ޕްލެޓްފޯމްގައި ފިލްމް ރިލީޒްކުރަން ވަނީ މަޖުބޫރުވެފައެވެ. ގޮތެއް ނެތުމުން މަޖުބޫރީ ހާލަތްތަކުގައި ކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށް މުކޭޝް ވަނީ ބުނެފައެވެ. "ސަޅަކް 2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިޒްނީ+ ހޮޓްސްޓާ ގައެވެ.

"ސަޅަކް 2" އަކީ މަހޭޝް 1991 ވަނަ އަހަރު "ސަޅަކް" ގެ ނަމުގައި ގެނެސްދިން ބްލޮކްބަސްޓާ ފިލްމްގެ ދެވަނަ ބައެވެ. "ސަޅަކް 2 " ގެ ކާސްޓުންގެ ތެރޭގައި އާލިޔާ ބަޓް، ޕޫޖާ ބަޓް، ސަންޖޭ ދަތު އަދި އަދިތިޔާ ރޯއީ ކަޕޫރް ހިމެނެއެވެ. ޕޫޖާ އަދި ސަންޖޭ އަކީ "ސަޅަކް" ގެ އިންވެސް ފެނިގެންދިޔަ ދެ ތަރިންނެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރިއިރު، "ސަޅަކް 2" ގެ ލަވައެއްގެ ޝޫޓިން އޮތީ ނުނިމިއެވެ. އެ ލަވައިގެ ޝޫޓިން ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަހޭޝް ބަޓް ވަނީ މީގެ ކުރިން ބުނެފައެވެ.