"ދަ ސްކައި އިޒް ޕިންކް" ގެ ކާސްޓާއި، ޑައިރެކްޓަރ

ތިން އަހަރަށް ފަހު ޕްރިޔަންކާ އަނބުރާ ބޮލީވުޑަށް

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އެންމެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފެނިފައިވަނީ 2016 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ވެންޓިލޭޓާ" އިންނެވެ. ހޮލީވުޑްގެ ބައެއް ފިލްމްތަކުގައި މަސައްކަތްކުރުމަށްފަހު ޕްރިޔަންކާ އެނބުރި ބޮލީވުޑަށް އަންނައިރު، އޭނާ ދެން ފެނިގެންދާނީ، ޝޮނާލީ ބޯސް ޑައިރެކްޓްކޮށް، ޒައިރާ ވަސިމް އާއި ރޯހިތު ސަރަފް އަދި ފަރްހާން އަހްތަރް ފެނިގެންދާ ފިލްމް "ދަ ސްކައި އިޒް ޕިންކް" އިންނެވެ.

ބޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު މި ފިލްމް ޕްރިމިއާ ކުރާނެއެވެ. ފިލްމް ސިނަމާތަކަށް ނެރޭނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި ފިލްމަކީ، ވާހަކަ ދެއްކުންތެރިއެއް ކަމަށްވާ އައިޝާ ޗޯދްރީގެ މަންމައާއި ބައްޕަގެ ލޯބީގެ ވާހަކައެވެ. އައިޝާއަކީ ޕަލްމޮނަރީ ފައިބްރޯސިސް ބަލީގެ ޝިކާރައަކަށް ވެފައި ކެރެކްޓާއެކެވެ. މި ކެރެކްޓަރ ކުޅެނީ ޒައިރާ ވަސިމްއެވެ. ޕްރިޔަންކާއާއި ފަރްޚާން ކުޅެނީ އައިޝާގެ މަންމައާއި ބައްޕަގެ ރޯލެވެ.

މި ފިލްމުގެ ޝޫޓިން ފެށުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. ޝޫޓިން ނިމިފައިވަނީ މި އަހަރުގެ މާޗު މަހުގައެވެ. މިއީ ޒައިރާގެ އެންމެ ފަހު ފިލްމެވެ. ޒައިރާވަނީ މީގެ ތިން ހަފްތާ ކުރިން ފިލްމީ ދުނިޔެއިން ވަކިވާ ކަމުގެ ހަބަރު ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ހިއްސާކޮއްފައެވެ.

މި ފިލްމަކީ ޕްރިޔަންކާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.