ހޮރޯ-ކޮމެޑީ ފިލްމް "ރޫހި" އަންނަ މަހު ސިނަމާތަކަށް

ހޮރޯ-ކޮމެޑީ ފިލްމް "ރޫހި" އަންނަ މަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ނިންމައިފިއެވެ.

ޖިއޯ ސްޓޫޑިއޯސް އާއި މެޑޮކްސް ފިލްމްސް އިން ގެނެސްދޭ މި ފިލްމުން ރާޖްކުމާރް ރާއޯ އާއި ޖާންވީ ކަޕޫރާއި ވަރުން ޝަރްމާ ފެނިގެންދާނެއެވެ. މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރަން ނިންމާފައިވާއިރު، އިންޑިއާގެ ސިނަމާތައް 100 އިންސައްތަ އޮކިއުޕެންސީގައި ހުޅުވުމުގެ ފެހި ސިގްނަލް މިހާރު ވަނީ ލިބިފައެވެ.

މި ފިލްމްގެ ނަން އެކި ފަހަރު މަތިން ވަނީ ބަދަލުކޮށްފައެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމަށް ފުރަތަމަ ކިޔާފައިވަނީ "ރޫހްއަފްޒާ" އެވެ. އޭގެ ފަހުން ފިލްމްގެ ނަން "ރޫހި އަފްޒާނާ" އަށް ބަދަލުކުރުމަށްފަހު މިހާރު ފިލްމްގެ ނަމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރޫހި" އެވެ.

ހާރްދިކް މެހެތާ ޑައިރެކްޓްކުރާ މި ފިލްމްގެ ޓްރެއިލާ މާދަމާ ރިލީޒްކުރާނެ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެއެވެ. ބޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އިންޑިއާގެ 1500 ސިނަމާގައި މި ފިލްމް ރިލީޒްކުރާނެއެވެ.