"އެވަޓާ 2" ގެ ޝޫޓިން ނިމިއްޖެ: ޖޭމްސް

ފިލްމް "އެވަޓާ 2" ގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށް ޑައިރެކްޓަރު ޖޭމްސް ކެމަރޫން ބުނެފިއެވެ.

ޖޭމްސް ކެމަރޫން ޑައިރެކްޓްކޮށް 1984 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދަ ޓާމިނޭޓާ" ގެ އެކްޓަރު އާނޯލްޑް ޝްވެޒްނެގާ އާއެކު ބޭއްވި ވީޑިއޯ ޗެޓެއްގައި ޖޭމްސް ބުނި ގޮތުގައި "އެވަޓާ 3" ގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

ވީޑިއޯ ޗެޓްގައި ވާހަކަ ދައްކަމުން ޖޭމްސް ބުނި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ޕްރޮޑަކްޝަން ހަތަރު މަހަށްވުރެ ގިނަ ދުވަހަށް ހުއްޓިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފިލްމް ރިލީޒްކުރުން އެއް އަހަރަށް ފަސްކުރަން ޖެހުނު ކަމަށާއި އެކަން މީގެ ކުރިން އިއުލާނުކުރެވިފައިވާ ކަމަށް ޖޭމްސް ބުންޏެވެ.

މީގެ ކުރިން ހަމަޖެހިފައިވާ ގޮތުން "އެވަޓާ 2" ރިލީޒްކުރަން އޮތީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން "އެވަޓާ 2" ސިނަމާތަކަށް އަންނާނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. "އެވަޓާ 3" ރިލީޒްކުރަން އޮތީ 2023 ވަނަ އަހަރުއެވެ. ނަމަވެސް އެ ފިލްމް ރިލީޒްކުރުން ވަނީ 2024 އަށް ފަސްކޮށްފައެވެ.

މިއާއެކު "އެވަޓާ" ފްރެންޗައިޒްގެ ކުރިއަށް ހުރި ފިލްމްތައް ރިލީޒްކުރުންވެސް ވަނީ ފަސްކޮށްފައެވެ. އެގޮތުން 2025 ގައި ރިލީޒްކުރަން އޮތް "އެވަޓާ 4" ސިނަމާތަކަށް ދެން އަންނާނީ 2026 ގައެވެ. 2027 ގައި ރިލީޒްކުރަން އޮތް "އެވަޓާ 5" ސިނަމާތަކަށް އަންނާނީ 2028 ގައެވެ.