އެންޑްރޫ އާއި ނައޯމީ އެކުގައި ފިލްމަކުން

އެކްޓަރު އެންޑްރޫ ލިންކަން އާއި އެކްޓްރެސް ނައޯމީ ވަޓްސް އެކުގައި ފެނިގެންދާ ފިލްމެއް އުފެއްދުމަށް ތައްޔާރުވެއްޖެއެވެ.

ބްރެޑްލީ ޓްރޭވޯ އާއި ކެމަރޫން ބްލޫމް ލިޔެފައިވާ ވާހަކަ "ޕެންގުއިން ބްލޫމް" އަށް ބިނާކޮށް ހަމަ އެނަމުގައި އުފައްދާ މި ފިލްމަކީ ފެމިލީ ޑްރާމާއެކެވެ.

ނުރައްކާތެރި އެކްސިޑެންޓެއްގައި މަންމަ ވާގިނެތުމުން، ކުޑަކުޑަ އާއިލާއަކުން ތަހައްމަލު ކުރާ ކަންތައްތައް މި ފިލްމުން ދައްކުވައިދޭނެއެވެ. ފިލްމްގައި އެންޑްރޫ އަދި ނައޯމީ ފެނިގެންދާނީ ދެމަފިރިންގެ ގޮތުގައެވެ.

މިއީ މަޝްހޫރު ޓީވީ ސީރީޒް، "ދަ ވޯކިން ޑެޑް" ގެ ކުރީގެ ލީޑް އެކްޓަރު އެންޑްރޫ ލިންކަން 2010 ވަނަ އަހަރުގެ ފަހުން ކުޅޭ ފުރަތަމަ ފިލްމެވެ. 2010 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ "ދަ ވޯކިން ޑެޑް" ޓީވީ ސީރީޒްގައި އެންޑްރޫ ވަނީ ނުވަ ސީޒަންގައި 103 އެޕިސޯޑަކުން ފެނިގެން ގޮސްފައެވެ.

އެކްޓްރެސް ނައޯމީ ވަޓްސް ވަނީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޑަޔާނާ" ގައި ޕްރިންސެސް އޮފް ވޭލްސް، ޑަޔާނާގެ ރޯލު ކުޅެފައެވެ. ނައޯމީ ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ކިންގް ކޮންގް" އާއި "ދަ ރިންގް" ހިމެނެއެވެ.