ޓޮމް އެންޑް ޖެރީ އަންނަ މަހު ސިނަމާތަކަށް

ވޯނާ ބްރޯސް އިން ގެނެސްދޭ "ޓޮމް އެންޑް ޖެރީ" ލައިވް އެކްޝަން، އަންނަ މަހު ސިނަމާތަކުގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ސިނަމާތަކުގައި މި ފިލްމް ރިލީޒްކުރާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ބައެއް އެހެން ގައުމުތަކުގައި މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ އިތުރުން އެޗްބީއޯމެކްސް ގައި ފިލްމް ސްޓްރީމްކުރާއިރު، އެޗްބީއޯމެކްސްގެ ސަބްސްކްރައިބަރުންނަށް އިތުރު ފީއަކާ ނުލައި މި ފިލްމް ބަލައިލެވޭނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ފިލްމްގެ ޓްރެއިލާ ދައްކާލާފައިވާއިރު، ޓްރެއިލާ އިން ފެނިގެންދަނީ ޓޮމް އާއި ޖެރީ ނިއު ޔޯކްގައި އުޅޭ މަންޒަރެވެ. ނިއު ޔޯކްގެ މަންޒަރުތައް ފެނިގެންދިޔަ ނަމަވެސް، ޓޮމް އެންޑް ޖެރީ ފެނިގެންދަނީ އެނިމޭޓެޑްކޮށެވެ.

ނިއު ޔޯކްގެ ހޮޓަލެއްގައި އުޅޭ (ޖެރީ) ގެ ކިބައިން ސަލާމަތްވުމަށް (ޓޮމް) ގެނައުމުން ހިނގާ ކަންކަން މި ފިލްމުން ފެނިގެންދެއެވެ. ޓިމް ސްޓޯރީ ޑައިރެކްޓްކުރާ މި ފިލްމުން އެމެރިކާގެ އެކްޓްރެސް ކްލޯއީ ގްރޭސް މޮރެޓްޒް ފެނިގެންދެއެވެ.