އިދްރީސް އެލްބާ

"ލޫތާ" ގެ ފިލްމް ވާޝަނެއް އުފައްދަނީ

ބެލުންތެރިންގެ މަގުބޫލުކަން ލިބިގެންދިޔަ ޑިޓެކްޓިވް ޑްރާމާ ސީރީޒް، "ލޫތާ" ، ގެ ފިލްމް ވާޝަނެއްގެ މަސައްކަތް ކުރަމުންދާކަން އެކްޓަރު އިދްރީސް އެލްބާ ކަށަވަރުކޮށްދީފިއެވެ.

ސީރީޒް "ލޫތާ" ގައި އެކްޓަރު އިދްރީސް އެލްބާ ކުޅެފައިވަނީ ޖޯން ލޫތާގެ ރޯލެވެ. ފަސް ސީޒަނަށްފަހު މި ސީރީޒް ހުއްޓާލީ 2019 ވަނަ އަހަރުއެވެ.

އިދްރީސް ބުނި ގޮތުގައި ސީރީޒެކޭ އެއްފަދައިން ފިލްމްގައިވެސް "ޖޯން ލޫތާ" ފެނިގެންދާނީ ހަމަ "ޖޯން ލޫތާ" ގެ ގޮތުގައެވެ. ސީރީޒާއި އަޅާބަލާއިރު ފިލްމްގެ ސްޓޯރީލައިންސް ތަފާތު ވާނެ ކަމަށް އިދްރީސް ބުންޏެވެ.

އުމުރުން 47 އަހަރުގެ އެކްޓަރު އިދްރީސް ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "ތޯ" އާއި "ފާސްޓް އެންޑް ފިއުރިއަސް: ހޮބްސް އެންޑް ޝޯ" ހިމެނެއެވެ. އަޑުއަޅާފައިވާ އެނިމޭޓެޑް ފިލްމްތަކުގެ ތެރޭގައި "ދަ ޖަންގަލް ބުކް" އާއި "ފައިންޑިން ޑޯރީ" ހިމެނެއެވެ.