"ފްރޯޒަން 2" އަށް 350 މިލިއަން ޑޮލަރު

މިމަހުގެ 22 ވަނަ ދުވަހު ރިލީޒްކުރި ފިލްމް "ފްރޯޒަން 2" އަށް ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ 350 މިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ. މިއީ ޑިޒްނީ އިން ގެނެސްދިން މި ފިލްމަށް ހަފުތާ ބަންދުގައި ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެކެވެ.

މި ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ފްރޯޒަން" ގެ ސީކުއެލްއެކެވެ.

ފިލްމް "ފްރޯޒަން 2" އެމެރިކާ އާއި ކެނެޑާގެ ސިނަމާތަކުގައި އަޅުވައިގެން 127 މިލިއަން ޑޮލަރު ލިބިފައިވާއިރު އިނގިރޭސިވިލާތާއި އަޔަލެންޑުން 19.9 މިލިއަން ޑޮލަރު ލިބިފައިވެއެވެ. 2013 ވަނަ އަހަރު ރިލީޒްކުރި "ފްރޯޒަން" އަށް ފުރަތަމަ ފަސް ދުވަހުން ލިބުނީ 93 މިލިއަން ޑޮލަރެވެ. ތިއޭޓަރުތަކުން އެ ފިލްމް ނެގިއިރު، ފިލްމަށް 1.27 ބިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ.

"ފްރޯޒަން 2" އަކީ 3ޑީ އެނިމޭޓެޑް ފިލްމެކެވެ. ކްރިސް ބަކް އާއި ޖެނިފާ ލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ކެރެކްޓާތަކަށް އަޑު އަޅައިދީފައިވާ ފަންނާނުންގެ ތެރޭގައި އިޑީނާ މެންޒެލް، ކްރިސްޓެން ބެލް، ޖޮނަތަން ގްރޮފް އަދި ޖޯޝް ގޭޑް ހިމެނެއެވެ.