"ގުޑް ނިއުޒް" އަށް ދެ ދުވަހުން 39 ކްރޯޑް ރުޕީސް

ރާޖް މެހެތާ ޑައިރެކްޓްކޮށް، ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "ގުޑް ނިއުޒް" އަށް ދެ ދުވަހުން 39.34 ކްރޯޑް ރުޕީސް ލިބިއްޖެއެވެ. މިއީ މި ފިލްމަށް އިންޑިއާގެ ސިނަމާތަކުން ލިބުނު އާމްދަނީއެވެ.

އަކްޝޭ ކުމާރް، ކަރީނާ ކަޕޫރު އަދި ކިއާރާ އަދްވާނީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް، އިންޑިއާގެ ސިނަމާތަކުން ފުރަތަމަ ދުވަހު ލިބުނީ 17.56 ކްރޯޑް ރުޕީސްއެވެ. ދެވަނަ ދުވަހު ލިބުނީ 21.78 ކްރޯޑް ރުޕީސްއެވެ.

އިންޑިއާގެ ބައެއް ފިލްމް ކްރިޓީކުންގެ ފަރާތުން މި ފިލްމަށް ވަނީ 3.5 ތަރީގެ ރިވިއުއެއް ލިބިފައެވެ. ފިލްމްގެ ސްކްރީން ޕްލޭ އާއި ޑައިލޮގް ވަރަށް ރަނގަޅު ކަމަށް ކްރިޓީކުން ފާހަގަ ކުރެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ފިލްމް "ގުޑް ނިއުޒް" ގެ ނޭދެވޭ އަސަރު، މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި ސަލްމާން ހާންގެ ފިލްމް "ދަބަންގް 3" އަށް ދަނީ ކުރަމުންނެވެ.