މުޒާހަރާގެ ނޭދެވޭ އަސަރު "ބާގީ 3" އަށް

އިންޑިއާގެ ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގެ ނޭދެވޭ އަސަރު ފިލްމް ޝޫޓިންގްތަކަށް ކުރަން ފަށައިފިއެވެ.

ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން ބައެއް ފިލްމްތަކުގެ ޝޫޓިންގްއަށް ވަނީ ބުރޫ އަރާފައެވެ. އެގޮތުން ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބާގީ 3" ގެ މަންޒަރުތަކެއް ދިއްލީގައި ނެގުމަށް ހަމަޖެހިފައިވަނިކޮށް މި ވަނީ އެކަން ފަސްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިތުރު ބޮޑު ދެ ފިލްމެއްގެ ޝޫޓިންގްވެސް ވަނީ ފަސްކޮށްފައެވެ.

ފިލްމް "ބާގީ 3" ގެ ޕްރޮޑިއުސަރަކާއި ހަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ދިއްލީގައި އެ ފިލްމްގެ ޝޫޓިންގް ކުރިއަށް ގެންދިއުމަށް ތާވަލު ކުރީ މިދިޔަ ޑިސެމްބަރު މަހާއި މި ޖެނުއަރީ މަހަށެވެ. ނަމަވެސް ޝޫޓިން މި ވަގުތަށް ކެންސަލްކޮށްފައިވާ ކަމަށް ޕްރޮޑިއުސަރާއި ހަވާލާދީ އެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އިތުރު މަސްދަރަކާއި ހަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ ފިލްމެއްގެ ޝޫޓިންވެސް ވަނީ ކެންސަލްކޮށްފައެވެ. އެ ފިލްމްގެ ގިނަ މަންޒަރުތަކެއް ނުނެގިވާއިރު ބައެއް މަންޒަރުތައް ނެގުން ވަނީ ކެންސަލްކޮށްފައެވެ.

އެ ފިލްމްގެ ބައެއް މަންޒަރުތައް ނެގުން ރިޝެޑިއުލް ކުރަން ޖެހުނުއިރު، ބައެއް މަންޒަރުތައް ނެގުމަށް އެހެން ސިޓީތަކަށް ދާންޖެހުނެވެ.