އިތުރު ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ ކުރާ ސުވާލަށް ކަރީނާގެ ޖަވާބު
ކަރީނާ ކަޕޫރަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ މަގުބޫލު އަދި ކުޅަދާނަ އެއް އެކްޓްރެސްއެވެ. ބޮލީވުޑްގެ ތަރި ސައިފް އަލީ ހާނާއި ކަރީނާގެ ކައިވެންޏަށް ލިބުނު ދަރިފުޅު، ތަރިމޫރަށްވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.
އިންޑިއާގެ މީޑިއާތަކުން މިހާރު ކުރަމުންދާ ސުވާލަކީ، ސައިފް އަލީ އާއި ކަރީނާ އިތުރު ދަރިއަކު ހޯދާނީ ކޮން އިރަކުންތޯއެވެ. އިންޑިއާގެ ނޫހަކުން އެކަމާ ގުޅޭ ގޮތުން ކަރީނާއާ ސުވާލުކުރުމުން މިވަނީ އެ ސުވާލުގެ ޖަވާބު ދީފައެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރީނާ ބުނީ އޭނާ އާއި ފިރިމީހާ ސައިފް، މިވަގުތު ދެވަނަ ދަރިއަކު ހޯދުމަށް ނުވިސްނާ ކަމަށެވެ.
މިދުވަސްވަރަކީ ދެމީހުންވެސް (ކަރީނާ އާއި ސައިފް) މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެމުންދާ ދުވަސްކޮޅެއް ކަމަށާއި އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް މަސައްކަތުގެ ކަންކަން ހަމަހަމަކުރުމަށް ބޭނުންވާ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
ކަރީނާ އެންމެފަހުން ސްކްރީނުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ވީރޭ ދީ ވެޑިން" އިންނެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ގުޑް ނިއުޒް" އެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓްކުރާ މި ފިލްމުން އަކްޝޭ ކުމާރްވެސް ފެނިގެންދާނެއެވެ.
ބޮލީވުޑްގެ ތަރި ސައިފް އަލީ އާއި ކަރީނާ ކައިވެނިކުރީ 2012 ވަނަ އަހަރުއެވެ.