ފިލްމް "ޕާގަލްޕަންތީ" އަށް 7 ކްރޯޑް ރުޕީސް

އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމް "ޕާގަލްޕަންތީ" ރިލީޒްކުރި ދުވަހު، އެ ފިލްމަށް 7.1 ކްރޯޑް ރުޕީސް ލިބިއްޖެއެވެ. މިއީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުން މި ފިލްމަށް ލިބުނު އާމްދަނީއެވެ.

ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، ޕުލްކިތު ސަމްރާޓް ލީޑްރޯލުން ފެނިގެންދާ މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނު ރަނގަޅު ކަމަށް އިންޑިއާގެ ފިލްމީ ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ފިލްމްގެ ޑައިރެކްޓަރު އަނީސް އަކީ މީގެ ކުރިންވެސް ކޮމެޑީ ފިލްމްތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި ފިލްމް "ނޯ އެންޓްރީ"، "ރެޑީ"، "ވެލްކަމް" އަދި "މުބާރަކަން" ހިމެނެއެވެ.

އަނީސް ބުނި ގޮތުގައި ކޮމެޑީ ފިލްމްތައް އުފައްދަނީ މީހުން ހެއްވާލުމަށާއި އުފާވެރިކަން ގެނެސް ދިނުމަށެވެ. އުމުރަކީ ވަރަށް ކުރު ދުވަސްކޮޅެއްކަން ފާހަގަކޮށް އަނީސް ބުނީ ދޮށީ އުމުރުގައި މާޒީ ހަނދާންކޮށްލާއިރު ގިނައިން ހަނދާނުގައި ހުންނާނީ އުފާވެރި މަޖާ ހަނދާންތައް ކަމަށެވެ.

މާލީ ހާލާތު ހުރި ގޮތުންނާއި، ވަޒީފާގެ ކަންކަމާއި އާއިލީ ކަންކަމުގެ ސަބަބުން މީހުން މިއަދު ތިބެނީ ވަރަށް ސްޓްރެސްވެފައި ކަމަށް އަނީސް ބުންޏެވެ. އެފަދަ ފަރާތްތަކަށްވެސް އެ ހިޔާލުތަކާއި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުރުވެލާ ހިނިތުންވުން ގެނެސްދޭން ބޭނުންވާ ކަމަށް އަނީސް ވަނީ ބުނެފައެވެ.

"ޕާގަލްޕަންތީ" ގެ އިތުރު ތަރިންގެ ތެރޭގައި އަނިލް ކަޕޫރު، އަރުޝަދު ވަރްސީ އަދި ކްރިތީ ކަރްބަންދާ ހިމެނެއެވެ.