ފިލްމް "ސަޅަކް 2" ގެ ބައެއް ތަރިން ޑައިރެކްޓަރު މަހޭޝްއާއެކު

"ސަޅަކް 2" ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފި

އިންޑިއާގެ ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓް އަލުން ޑައިރެކްޝަނަށް އަންނަ ފިލްމް "ސަޅަކް 2" ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފިއެވެ.

"ސަޅަކް 2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި ފިލްމަކީ 1991 ވަނަ އަހަރު ރިލީޒްކުރި "ސަޅަކް" ގެ ދެވަނަ ބައެވެ.

މީގެ 28 އަހަރު ކުރިން ރިލީޒްކުރި "ސަޅަކް" ގެ ފުރަތަމަ ފިލްމްގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ މަހޭޝްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓާއި ސަންޖޭ ދަތެވެ.

"ސަޅަކް 2" އިން ވެސް ޕޫޖާ ބަޓާއި ސަންޖޭ ދަތު ފެނިގެންދާއިރު، މި ފިލްމުން މަހޭޝްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓްވެސް ފެނިގެންދާނެއެވެ. މި ފިލްމްގެ ޝޫޓިން މިހާރު ވަނީ ފަށާފައެވެ.