"ކްރިޝް 4" ގެ ޑައިރެކްޝަން ސަންޖޭއަށް؟

އެކްޓަރު ރިތިކް ރޯޝަން އެންމެފަހުން ކުޅުނު ދެ ފިލްމަކީ "ސުޕަ 30" އާއި "ވާރ" އެވެ. މި ދެ ފިލްމަކީވެސް ބޮލީވުޑް ބޮކްސް އޮފީހުގައި ކާމިޔާބު ދެ ފިލްމެވެ. ރިތިކް އެންމެފަހުން ކުޅުނު "ވާރ" މިހާރު ދަނީ ބޮލީވުޑް ބޮކްސް އޮފީހުގައި ކާމިޔާބީ ހޯދަމުންނެވެ.

ރިތިކް "ކްރިޝް" ގެ ރޯލުން ފެނިގެންދާ ފްރެންޗައިޒްގެ ފިލްމްތައް ވަރަށް ކާމިޔާބެވެ. މިހާތަނަށް ނެރުނު "ކްރިޝް" ގެ ތިން ފިލްމްވެސް ޑައިރެކްޓްކޮށްފައިވަނީ ރިތިކްގެ ބައްޕަ ރާކޭޝް ރޯހަންއެވެ.

"ކްރިޝް" ގެ ހަތަރު ވަނަ ފިލްމެއް އުފެއްދުމަށް އުޅޭކަމުގެ އަޑުތައް މިހާރު ވަނީ ފެތުރިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން 250 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާ މި ފިލްމް ޑައިރެކްޓްކުރާނީ ސަންޖޭ ގުޕްތާއެވެ.

ރިތިކް އާއި ޔަމީ ގޯތަމް އެކުގައި ފެނިގެންދިޔަ ފިލްމް "ކާބިލް" ގެ ޑައިރެކްޓަރަކީ ސަންޖޭއެވެ.

"ކްރިޝް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމަކީ 2003 ވަނަ އަހަރު ރިލީޒްކުރި "ކޮއި މިލް ގަޔާ" އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު "ކްރިޝް" ރިލީޒްކުރި އިރު "ކްރިޝް 3" ރިލީޒްކުރީ 2013 ވަނަ އަހަރުއެވެ.