ރާނީ މުކަރްޖީ އާއި ސައިފް އަލީ ޙާން

"ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރުން ފަސްކޮށްފި

ވަރުން ޝަރްމާ ޑައިރެކްޓްކުރާ ފިލްމް "ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ސައިފް އަލީ ޙާން އާއި ރާނީ މުރަކްޖީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރަން އޮތީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން ފަސްކުރީ އިންޑިއާގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާތީއެވެ.

ފިލްމްގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާ ބޭނުންވަނީ މިވަގުތަށް ފިލްމް ރިލީޒްކުރުން މަޑު ޖައްސާލުމަށްފަހު މިއަށްވުރެ ރަނގަޅު ވަގުތެއްގައި ފިލްމް ރިލީޒްކުރާށެވެ. މިވަގުތު އަދިތިޔާ ބަލަމުންދަނީ އިންޑިއާގައި ކޮވިޑް ވެކްސިން ކުރިއަށްގެންދާ ގޮތާއި ބަލި ކޮންޓްރޯލްކުރުމަށް އިންޑިއާއިން ކުރާ މަސައްކަތެވެ.

"ބަންޓީ އޯރް ބަބްލީ 2" އަކީ 2005 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެވެ. ފުރަތަމަ ފިލްމްގެ ލީޑް ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން އާއި އަބިޝެކް ބައްޗަން އާއި ރާނީ މުކަރްޖީ ހިމެނެއެވެ.