ފިލްމްގެ ފުރަތަމަ ބައިގެ މަންޒަރެއް ނަގަނީ

"ދަ ސުއިސައިޑް ސްކޮޑް" ގެ ކާސްޓުންގެ ނަންތައް ހާމަކޮށްފި

މީގެ ތިން އަހަރު ކުރިން، 2016 ވަނަ އަހަރު ރިލީޒްކުރި "ސުއިސައިޑް ސްކޮޑް" ގެ ދެވަނަ ބައި "ދަ ސުއިސައިޑް ސްކޮޑް" ގެ ކާސްޓުންގެ ނަންތައް ހާމަކޮށްފިއެވެ.

ފިލްމްގެ ޑައިރެކްޓަރު ޖޭމްސް ގަން ހާމަކުރި ގޮތުގައި، ފިލްމްގެ ފުރަތަމަ ބައިގެ ބައެއް ރޯލްތަކުން ފެނިގެންދިޔަ ކާސްޓުން މި ފިލްމުން ނުފެންނާނެއެވެ. އޭގެ ބަދަލުގައި މި ފިލްމުގައި އެ ރޯލުތަކުން ފެނިގެންދާނީ އެހެން ތަރިންތަކެކެވެ.

ފުރަތަމަ ބައިން ނުފެނުނު ނަމަވެސް، ދެވަނަ ބައިން ފެނިގެންދާނެ ކާސްޓުންގެ ތެރޭގައި ޓައިކާ ވެއިޓިޓީ، އިދްރީސް އެލްބާ، ޖޯން ސީނާ އަދި ޑޭވިޑް ޑަސްޓްމަލްޗިން ހިމެނެއެވެ. މި ފިލްމުން ސްޓީވް އެޖީ އާއި ޖެނިފާ ހޮލޭންޑް އާއި ޖައި ކޯޓްނޭގެ އިތުރުން ވާކީން ކޯސިއޯ ފެނިގެންދާނެއެވެ.

ފިލްމްގެ ފުރަތަމަ ބައިން، ޑެޑްޝޮޓްގެ ރޯލުން ފެނިގެންދިޔަ ވިލް ސްމިތު މި ފިލްމުން ނުފެންނާނެއެވެ. ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފިލްމްގެ ދެވަނަ ބައިން ޑެޑްޝޮޓްގެ ރޯލުން ފެނިގެންދާނެ ކަމަށް ބެލެވެނީ އިދްރީސް އެލްބާއެވެ.

ކާސްޓުންގެ ނަންތައް ހާމަކުރި ނަމަވެސް، އެ ކާސްޓުން ފެނިގެންދާނީ ކޮން ރޯލުތަކަކުން ކަން ފިލްމް އުފައްދާ ފަރާތުން އަދި ހާމައެއް ނުކުރެއެވެ. މި ފިލްމް 2021 ވަނަ އަހަރުގެ ތެރޭގައި ރިލީޒްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި "ސުއިސައިޑް ސްކޮޑް" އަށް 768 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.