ޑާކްރެއިންގެ ކުރިއަށް ހުރި ފިލްމްތައް: "ބަޅިނދު" އާއި "ބައިސާ"

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމް ޕްރޮޑަކްޝަން ސްޓޫޑިއޯ، ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް ހުރި ދެ ފިލްމެއްގެ ނަން އިއުލާނުކޮށްފިއެވެ. ޑާކްރެއިން އެންޓަޓެއިންމެންޓަށް 13 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު، އެ ސްޓޫޑިއޯ އިން އުފައްދާ ފިލްމްތަކުގެ ނަން އިއުލާނުކުރީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) އެވެ.

ފޭސްބުކްގައި މޮގާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ބަޅިނދު" އަދި "ބައިސާ" ގެ ނަމުގައި ފިލްމް އުފައްދަން ނިންމާފައިވާ ކަމަށެވެ. "ބަޅިނދު" އަކީ ހޫދު އިބްރާހިމްގެ ވާހަކައަކަށް އަހުމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. މޫމިން ފުއާދުގެ ވާހަކައަކަށް އުފައްދާ ފިލްމް "ބައިސާ" ގެ ލީޑް ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

އޭގެ އިތުރުންވެސް ދެ ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް މޮގާ ބުނިއިރު، އެ ފިލްމްތަކަށް ކިޔާނެ ނަމެއް އަދި ހާމައެއް ނުކުރެއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން މިހާރު ދަނީ "ނޮވެމްބަރު" ގެ ނަމުގައި ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލް ލިޔެފައިވާ ވާހަކައަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އިސްމާއިލް ވަޖީހް، މުހައްމަދު މުޖައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ ހިމެނެއެވެ.