މެޑިކަލް ބްރޭކްގެ ކުރިން "ސަޅަކް 2" ގެ ޑަބިން ނިންމާލަނީ

މެޑިކަލް ބްރޭކެއް ނެގުމުގެ ކުރިން، ފިލްމް "ސަޅަކް 2" ގެ ޑަބިންގެ މަސައްކަތް ނިންމާލުމަށް އެކްޓަރު ސަންޖޭ ދަތު ނިންމައިފިއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ކުރިއަށް އޮތް ހަފުތާގެ ނިޔަލަށް އެ ފިލްމްގެ ޑަބިންގެ މަސައްކަތް ސަންޖޭ ނިންމާލާނެއެވެ.

ނޭވާލާން އުނދަގޫވުމުގެ ސަބަބުން، މިދިޔަ ހަފުތާ ތެރޭގައި ސަންޖޭ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ސަންޖޭ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ފިލްމް ޓްރޭޑް އެނަލީސްޓް ކޯމަލް ނަހަޓާ ކުރި ޓްވީޓެއްގައި ބުނި ގޮތުގައި ސަންޖޭއަށް ވަނީ ފުއްޕާމޭގެ ކެންސަރު ޖެހިފައެވެ.

"ސަޅަކް 2" އަކީ މަހޭޝް 1991 ވަނަ އަހަރު "ސަޅަކް" ގެ ނަމުގައި ގެނެސްދިން ބްލޮކްބަސްޓާ ފިލްމްގެ ދެވަނަ ބައެވެ. "ސަޅަކް 2" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތުގެ އިތުރުން އާލިއާ ބަޓް، ޕޫޖާ ބަޓްގެ އިތުރުން އަދިތިޔާ ރޯއީ ކަޕޫރް ހިމެނެއެވެ. ޕޫޖާ އަދި ސަންޖޭ އަކީ 1991 ވަނަ އަހަރު ގެނެސްދިން ފިލްމް "ސަޅަކް" އިންވެސް ފެނިގެންދިޔަ ދެ ތަރިންނެވެ.