"ޓޮޕް ގަން: މެވެރިކް" ރިލީޒްކުރުން ފަސްކޮށްފި

މީގެ 34 އަހަރު ކުރިން ރިލީޒްކުރި، ޓޮމް ކްރޫޒްގެ ކާމިޔާބު ފިލްމް "ޓޮޕް ގަން" ގެ ސީކުއެލް ދެވަނަ ބައި "ޓޮޕް ގަން: މެވެރިކް" ރިލީޒްކުރުން ފަސްކޮށްފިއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރިލީޒްކުރަން އޮތް ފިލްމް، ރިލީޒްކުރުން ފަސްކުރީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ޕެރަމައުންޓް ޕިކްޗާސް އާއި ސްކައި ޑާންސް މީޑިއާއިން ގެނެސްދޭ މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ޖޯސެފް ކޮންސިންސްކީއެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މިލެޒް ޓެލާ، ޖެނިފާ ކޮނެލީ، ޖޯން ހޭމް އަދި އެޑް ހެރިސް ހިމެނެއެވެ.

"ޓޮޕް ގަން" ގެ ފުރަތަމަ ފިލްމަށް، ބޮކްސް އޮފީހުގައި 350 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޓޮޕް ގަން: މެވެރިކް" އުފައްދަނީ 152 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.